މިދެކޭ ކުރިއެރުންތަކަކީ ސަރުކާރުން މަޑުނުޖެހި ކުރާ މަސައްކަތުގެ ނަތީޖާ

މިއަދު ރާއްޖެ ދެކެމުންދާ ކުރިއެރުންތަކަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު، އެއްވެސް މަޑުޖެހުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ހެޔޮ ނަތީޖާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފޭސް ދޭއްގައި އަޅާ އިތުރު 1،190 ފްލެޓުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ 'އެންމެނަށް ބޯހިޔާވަހިކަން' ކަށަވަރުކޮށްދެއްވުމަށް، ރައީސް ވެވަޑައިގެންފައިވާ ވަޢުދަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހިތާ ގުޅިފައިވާ ކަމެކެވެ. އަދި ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މި ބުރަ މަސައްކަތަކީ، ދިވެހި އާއިލާތަކަށް އުފާވެރި އަދި ހަމަޖެހޭ ދިރިއުޅުމެއް ހޯއްދަވައި ދެއްވުމަށް، އެމަނިކުފާނު ބަހައްޓަވާ ގާތްކަމުގެ ހެއްކެއް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
"މިއަދު މިދެކޭ ކުރިއެރުން ތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި، ވަށައިޖެހޭ ތަސައްވުރާއި، ރައްޔިތުން ބޭނުންވާ މުހިއްމު ކަންތައްތައް ފުރިހަމަކޮށްދެއްވުމަށް، އެއްވެސް މަޑުޖެހުމެއްނެތި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ހެޔޮ ނަތީޖާ،" ޝަރީފް ވިދާޅުވި އެވެ.
ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތަކަށް އިންވެސްޓްކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ގައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތު ކަމަށާއި ގައުމުގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން މި މަޝްރޫއުގައި ބައިވެރިވީ ހަމައެކަނި ރެގިއުލޭޓަރީ ޝަރުތެއް ފުރިހަމަ ކުރުމުގެ ބަދަލުގައި އެއީ ބޭންކުން ފަޚުރުވެރިކަމާއެކު އަދާކުރަންޖެހޭ ގައުމީ ޒިންމާއެއް ކަމަށް ދެކިގެން ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، ޤައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ހަމައެކަނި މާލީ ފައިދާ ހޯދުމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ، ގައުމީ ބޭންކެއްގެ އެންމެ މުހިންމު އެއް ދައުރު ކަމަށެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.
މި މަޝްރޫއުގެ ދަށުން މިދިޔަ ހަފުތާއެއްހާ ދުވަސްތެރޭ ވަނީ 1,706 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާފަ އެވެ. އަދި މިރޭ ބިންގާ އެޅި އިތުރު 1,190 ހައުސިން ޔުނިޓާއެކު ޖުމްލަ 2,896 ޔުނިޓްގެ ބިންގާ އަޅައި ވަނީ މަސައްކަތް ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ