"މީސް ޕޯޓަލް"ގެ ބަދަލުގައި ދެން ބޭނުންކުރާނީ "ސްޕޯޓްގޭޓް"

ސްޕޯޓްސް ކޮމިޝަނުގެ އޮފީހާއި ކުޅިވަރު ޖަމިއްޔާތައް ގުޅުވައިލުމަށް ފަރުމާކޮށްފައިވާ "ސްޕޯޓްގޭޓް" ޕޯޓަލް އިފްތިތާހުކޮށްފިއެވެ.
ހ. މީރުމާގައި ކުރިއަށްދިޔަ ހަފްލާއެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމޭބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ކޮމިޝަރ އޮފް ސްޕޯޓްސް މުހަންމަދު ޠަލާލްއެވެ.
އެއް މަންސައެއްގެ ތެރެއިން ކުޅިވަރާ ގުޅުންހުރި ރަސްމީ ކަންތައްތަކެއް ކުރެވޭ ގޮތަށް މީގެ ކުރިން ބޭނުންކުރަމުން ދިޔަ މީސް ޕޯޓަލްގެ ބަދަލުގައި އިތުރު ލުއި ފަސޭހަތަކަކާއެކު "ސްޕޯޓްގޭޓް" ޕޯޓަލް ޑެވެލޮޕްކުރުމުގެ މައިގަނޑު ބޭނުމަކީ، ކުލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކަށް ވެސް ރަޖިސްޓްރޭޝަން ހުށަހެޅުމާއި ހިންގާ ގަވައިދު ހުށަހެޅުމާއި ކުޅިވަރާ ގުޅުންހުރި އެހެން ކަންކަން ކުރުމުގެ އިތުރުން، ކުޅުންތެރިންނަށް ރިލީޒް ހޯދުމަށް ހުށަހެޅުމަށް ވެސް ފަސޭހަވެގެންދާނެ ފަދަ ގޮތަކަށް އައު ޕޯޓަލެއް ފަރުމާކުރުމެވެ.
"ސްޕޯޓްގޭޓް" ޕޯޓަލް އިފްތިތާހުކޮށްދެއްވުމަށްފަހު ކޮމިޝަރ އޮފް ސްޕޯޓްސް މުހަންމަދު ޠަލާލް ވިދާޅުވީ، ޕޯޓަލްއަށް ގެނެވުނު އައު ބަދަލުތަކާއެކު ކުޅިވަރު ކޮމިޝަނާއި އެސޯސިއޭޝަންތަކާއެކު މުވާސަލާތުކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ. އެސޯސިއޭޝަންތަކާ އޮންނަ ގުޅުން ރަނގަޅުވުމަކީ ކޮމިޝަނުގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށް ބާރަކަށްވާއިރު މި ޕޯޓަލްގެ ސަބަބުން އެ ގުޅުންތައް ހަރުދަނާވެ، ކުޅިވަރާ ގުޅުންހުރި އެންމެހާ ޑާޓާތައް ފަސޭހައިން ބަލާލެވޭނެކަމަށް ޠަލާލް ފާހަގަކުރެއްވިއެވެ. އަދި މިބަދަލަކީ އެސޯސިއޭޝަންތަކާއެކު ބޭއްވުނު ބައްދަލުވުންތަކުން ފާހަގަކުރެވުނު ކަންކަމަށް ބެލުމަށްފަހު ގެނެވުނު ބަދަލެއްކަން، ސްޕޯޓްސް ކޮމިޝަނަރ ހާމަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މިވަގުތާ ހަމައަށް ބޭނުންކުރަމުންދާ "މީސް ޕޯޓަލް" އެއަށްވުރެ ރަނގަޅަށް ހަރުދަނާކުރެވެންޖެހޭކަން. އެގޮތުން މިނިސްޓަރގެވެސް ލަފާފުޅާ އިރުޝާދާއެކު "މީސް ޕޯޓަލް"އަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށީ" ޠަލާލް ވިދާޅުވިއެވެ.
ކުލަބު ޖަމިއްޔާތައް ރަޖިސްޓްރީ ކުރެވޭ ގޮތަށް އޮތް "މީސް ޕޯޓަލް" ރިބްރޭންޑްކުރުމަށް ވިސްނިކަމަށާއި އެހެންނަމަވެސް އެކަންވީ ގޮންޖެހުންތައް ބޮޑު މަސައްކަތަކަށް ކަމަށް ޠަލާލް ވިދާޅުވިއެވެ. އެހެންކަމުން ވަޒީރާއި ކުރެވުނު މަޝްވަރާތަކަށްފަހު ނިންމާފައިވަނީ އިތުރު ލުއިފަސޭހަތައް ހިމަނައިގެން މުޅިން އައު ޕޯޓަލްއެއް ފަރުމާކުރުމަށްކަމަށް ސްޕޯޓްސް ކޮމިޝަނަރ ވިދާޅުވިއެވެ. ޕޯޓަލް ފަރުމާކުރުމުގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުނުކަމަށާއި މި ޕޯޓަލްގެ ސަބަބުން ހަރުދަނާގޮތެއްގައި މުއާމަލާތްތައް ކުރެވި، ޑިޖިޓަލައިޒްވެގެންދާނެކަމަށް ޠަލާލް ވިދާޅުވިއެވެ.
"އެގޮތުން ގައުމީ ކުޅިވަރު ޖަމިއްޔާތަކާއިއެކު ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ފާހަގަވެގެންދިޔަ ކަންކަން މި ޕޯޓަލްގެ ތެރެއިން ހައްލުކޮށް އެސޯސިއޭޝަންތަކާއި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހާ ކުރެވޭ މުއާމަލާތްތައް ވީހާވެސް ހަރުދަނާކޮށް އަދި ޑިޖިޓައިޒްކޮށް ޕޭޕާލެސްކޮށް ކުރެވޭނެ ގޮތެއް މަގުފަހިކުރުމަށް މި ޕޯޓަލް ޑެވެލޮޕްކުރީ" ޠަލާލް ވިދާޅުވެފަވެއެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން ދެމުންދާ ހުރިހާ ޚިދުމަތެއް މި ޕޯޓަލްގެ ތެރެއިން ލިބޭއިރު މި ބަދަލާއެކު ކުޅިވަރާ ގުޅުންހުރި މުހިންމު މުއާމަލާތްތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވި، މުހިންމު މައުލޫމާތުތަކާ ލިޔެކިޔުންތައް އަރުޝީފު ކުރެވިގެންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ ކުޅިވަރާ ގުޅުންހުރި އެންމެހާ ކަންކަން އެއް މަންސައެއްގެ ތެރެއިން، ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ