އެޗްޑީސީ އާ އަލް އަސްރު ގުޅިގެން ހުޅުމާލޭގައި ހިލޭ ޤުރުޢާން ކްލާސްތަކެއް ހިންގަނީ

އެޗްޑީސީ އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދާ ޤުރުޢާން ކްލާސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުޢާނަށް ހިތްޖެއްސުމުގެ މަޤްސަދުގައި މި
ކްލާސްތައް ކުރިއަށްގެންދާނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި
މުޅިން ހިލެއެވެ.
އެޗްޑީސީން ބުނީ މިއީ، ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު
ދީނީ ދަރުސް ދިނުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ
ސެޕްޓެމްބަރު މަހު ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ) ގެ
ދަށުން ކުރިއަށްގެންދާ ކްލާސްތަކެ ކަމަށެވެ.
އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، ހަފްތާއަކު
ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ގުރުއާން ސެޝަން ކުރިއަށްގެންދިއުމަށް
ހަމަޖެހިފައިވާއިރު، ކޮންމެ ސެޝަންއެއްގައި 20 ކުދިންނަށް ބައިވެރިވެވޭނެއެވެ.
ކްލާސްތަކުގައި ބައިވެރިވެވޭނީ އުމުރުން 7 އަހަރާއި 10 އަހަރާ ދެމެދުގެ
ކުދިންނަށެވެ.
އެ ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ
ހެނދުނާއި ހަވީރަށް ބަހާލައިގެން، އަންހެން އަދި ފިރިހެން ކުދިން ވަކިންނެވެ. ކްލާސްތަކުގައި
ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ތަމްރީނު ކުރުން ކުރިއަށްގެންދާނީ
އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ. 
<br>
އެޗްޑިސީއާ އަސްރު ގުޅިގެން މި ކްލާސްތައް 3 ސަރަހައްދެއްގައި ހުންނަ މިސްކިތްތަކުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެ މިސްކިތްތަކަކީ، ހުޅުމާލޭ ފޭސް 1ގައި ހުންނަ މަސްޖިދް ރަޝީދް އަދި
މަސްޖިދް ޝައިހް ގާސިމް، ފޭސް 2 ގައި ހުންނަ މަސްޖިދް އުސްމާން އަދި
މަސްޖިދުލް އީމާން އެވެ.
އެޗްޑީސީން ބުނީ މި ކްލާސްތަކުގައި ބައިވެރިވުމަށް، https://forms.gle/KUxoVUpBhJFa7Tec7  ގޫގުލް ފޯމު
ފުރާލައިގެން އެންރޯލް ކުރެވޭނޭކަމަށެވެ.
މިއީ އެޗްޑިސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެޗްޑީސީން ބުނީ އަލް އަސްރާއެކު ސޮއިކުރެވުނު
އެ އެއްބަސްވުމުގެ މަގްސަދަކީ، ދީނަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުން ކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ
އެ ކޯޕަރޭޝަންގެ އަމާޒެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ