ފިލްމު 'ފައިޓާ'ގެ ސީކުއަލްއެއް އުފައްދަން ނޫޅޭ ކަމަށް ސިދާތު ބުނެފި
މީގެ ދެ އަހަރުކުރިން ރިލީޒްކުރި ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު "ފައިޓާ"ގެ ސީކުއަލްއެއް އުފައްދަން އުޅޭކަމަށް މީސްމީޑިއާގައި ދެކެވެމުން އަންނަ ވާހަކައަށް ސިދާތު ނިމުން ގެނެސްފިއެވެ. ފިލްމު "ފައިޓާ"ގެ ސީކުއަލްއެއް އުފައްދަން އުޅޭ ކަމަށް މީސްމީޑިއާގައި ދެކެވެންފެށީ އިންސްޓަގްރާމްގެ އެކައުންޓަކުން އެ ފިލްމުގެ ސީކުއަލްއެއް ނުވަތަ ދެވަނަ ބައެއް އުފެއްދުމާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސެއްގައި އެ ޕޯސްޓަށް ފިލްމުގެ ޑައިރެކްޓަރު އަދި އެއް ޕްރޮޑިއުސަރު ސިދާތު އާނަންދު ދިން ކޮމެންޓަކާ ގުޅިގެންނެވެ. ނަމަވެސް، ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ. ފިލްމު "ފައިޓާ"ގެ ލީޑް އެކްޓަރު ރިތިކް ރޯޝަން އާއި ޑައިރެކްޓަރު ސިދާތުގެ ގާތް ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، "ފައިޓާ 2"އާ ގުޅޭގޮތުން ރިތިކް އާއި ސިދާތުއާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރެވިފައެއް ނުވެއެވެ. އަދި މި އަޑުތަކަކީ އެއްވެސް އަސާސެއް ނެތް ހުސް ވާހަކަތަކެއް ކަމަށްވެސް އެ ފަރާތުން ކަށަވަރުކޮށްދެއެވެ. ފިލްމު "ފައިޓާ"ގެ ލީޑް ތަރިން ކަމަށްވާ ރިތިކް ރޯޝަން، ދީޕިކާ ޕަދުކޯން އަދި ފިލްމުގެ ކާސްޓުގައި ހިމެނޭ އެހެނިހެން ތަރިން--ފޮޓޯ/ބޮލީވުޑްހަންގާމާ ރިތިކް ރޯޝަން މިހާރު އަންނަނީ އެކްޓަރުގެ އަމިއްލަ ކުންފުނި 'އެޗްއާރްއެކްސް ފިލްމްސް'ގެ ދަށުން ދެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން އުފައްދާ "ސްޓޯމް" ނަމަކަށް ކިޔާ ވެބް ސީރީޒަކާއި "މެސް" ނަމަކަށް ކިޔާ ކޮމެޑީ ފިލްމެކެވެ. ޕްރޮޑިއުސަރެއްގެ ޒިންމާތަކުގެ އިތުރުން، ރިތިކް މިހާރު އެންމެ ބޮޑަށް އަވަދިނެތި އުޅެނީ އޭނާގެ އެންމެ އުންމީދީ ފިލްމު "ކްރިޝް 4"ގެ މަސައްކަތްތަކުގައެވެ. މިއީ ރިތިކް ޑައިރެކްޝަނުން ފެނިގެންދާނެ ފުރަތަމަ ފިލްމުވެސް މެއެވެ. މީގެ އިތުރުން "ކޭ.ޖީ.އެފް" އާއި "ކަންތާރާ" ފަދަ މަޝްހޫރު ފިލްމުތައް އުފެއްދި "ހޮމްބާލޭ ފިލްމްސް" އާ ގުޅިގެން ވެސް ރިތިކް ބޮޑު ޕްރޮޖެކްޓެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަނެއްކޮޅުން، ޑައިރެކްޓަރު ސިދާތު އާނަންދު މިދުވަސްކޮޅު އަވަދިނެތި އުޅެނީ ޝާހްރުކް ޚާން ލީޑް ރޯލް ކުޅޭ ފިލްމު "ކިންގް"ގެ މަސައްކަތުގައެވެ. އެހެންކަމުން އިތުރު ފިލްމެއްގެ މަސައްކަތް އަވަސް ފުރުސަތެއްގައި ފެށުމުގެ އެއްވެސް ޕްލޭނެއް ސިދާތުގެ ވެސް ނެތް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ