ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ޒިންމާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނަންގަވަންޖެހޭކަމަށް ޤަބޫލުކުރާ އެމެރިކާގެ ރައްޔިތުން އިތުރަމުން އަންނަކަމަށް އޮޕީނިއަން ޕޯލަކުން ދައްކައިފިއެވެ.
އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ކޮންގްރެސްގެ މިޑް-ޓަރމް އިންތިޚާބާ ދިމާކޮށް ރޮއިޓަރސް ނޫހުން ކުރިއަށް ގެންދިޔަ ޕޯލަކުން ދައްކާ ގޮތުގައި، ތެލުގެ އަގު ބޮޑުވުމުގެ ޒިންމާ ސީދާ ޓްރަމްޕް ނަންގަވަންޖެހޭ އެ ޕޯލްގައި ބައިވެރިވި މީހުންގެ 77 އިންސައްތަ މީހުން ޤަބޫލުކުރެއެވެ.
މި ޕޯލްގައި ޖުމްލަ 4،557 މީހުން ބައިވެރިވިކަމަށް ރޮއިޓަރސް ނޫހުން ބުންޏެވެ.
ވޯޓުލީ މީހުން ބެހިފައިވާ ގޮތަށް ބަލާއިރު، ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުންގެ 55 އިންސައްތަ، އެއްވެސް ޕާޓީއަކަށް ތާއީދުނުކުރާ މީހުންގެ 82 އިންސައްތަ އަދި އިދިކޮޅު ޑިމޮކްރެޓްސްއަށް ތާއީދުކުރާ މީހުންގެ 92 އިންސައްތަ މީހުން ޤަބޫލުކުރާ ގޮތުގައި، ތެލުގެ އަގު ބޮޑުވުމުގެ ޒިންމާ ސީދާ ޓްރަމްޕް ނަންގަވަންޖެހެއެވެ.
މިގޮތުން، އީރާނުގެ ހަނގުރާމަ އާ ގުޅޭގޮތުން ޓްރަމްޕްގެ ވިސްނުންފުޅަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ނޮވެމްބަރު މަހުގެ އިންތިޚާބުގައި ވޯޓު ނުދޭނެކަމަށް ވެސް ޕޯލްގެ 58 އިންސައްތަ ބައިވެރިން ބުނެފައިވެއެވެ.
ފެބްރުއަރީ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ އާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.
މިގޮތުން، އެމެރިކާގައި ޑީސަލް ގެލަނެއްގެ އަގު މިހާރު ވަނީ 4 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން އެ އަގު ހުރީ 3 އެމެރިކާ ޑޮލަރުގައެވެ.
އީރާނު ހަނގުރާމަ އާ ގުޅިގެން ޓްރަމްޕްގެ ސިޔާސަތުތަކާ މެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުން ދަނީ އިތުރުވަމުންނެވެ. މިގޮތުން، ނޮވެމްބަރު މަހުގެ އިންތިޚާބު ކާމިޔާބުކޮށް، އެމެރިކާގެ ހައުސް އޮފް ރެޕްރަޒެންޓަޓިވްސްގެ އަޣުލަބިއްޔަތު ދަމަހައްޓަން ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ގޮންޖުހެން ބޮޑުވެފައިވާކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ތެލުގެ އަގު ބޮޑުވެ، އެމެރިކާ ރައްޔިތުންގެ ނުރުހުން ސީދާ ޓްރަމްޕަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ