'އާވާރާޕަން 2' ޑައިރެކްޓްކުރަން އެއްވެސް އިރަކު ހުށަނާޅާ: މޯހިތު ސޫރީ

މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމު "އާވާރާޕަން 2" ޑައިރެކްޓްކުރަން އެއްވެސް އިރަކު އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހުށަހަޅާފައިނުވާނެ ކަމަށް ޑައިރެކްޓަރު މޯހިތު ސޫރީ ބުނެފިއެވެ. އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި އުމުރުން 45 އަހަރުގެ މޯހިތު ބުނީ، މީގެ ކުރިން ދުވަހަކު ވެސް އެ ފިލްމުގެ ހުށަހެޅުމެއް އޭނާއަށް ލިބިފައިނުވާ ކަމަށާއި ނަމަވެސް އެކްޓަރު އިމްރާން ހާޝްމީއާ އެކު މަސައްކަތް ކުރުމަށް އޭނާ އަބަދު ވެސް ތައްޔާރަށް ހުރި ކަމަށެވެ. "އިމްރާންއާ އެކު އަހަރެން އަށް ފިލްމެއްގައި މަސައްކަތް ކޮށްފިން. އޭނާއަށް އަހަރެން ވަރަށް ރަނގަޅަށް އެނގޭނެ. އެހެންކަމުން އޭނާއަށް ކޮންމެ ކޮންމެ ރޯލެއް ދިނުމުގެ ބަދަލުގައި، އޭނާގެ ހުނަރާ ގުޅޭ ވަރުގަދަ ރޯލެއް ދޭން އަހަރެން ބޭނުންވޭ. އަހަރެން ގަބޫލުކުރާ ގޮތުގައި އިމްރާނާ އެކު މަސައްކަތް ކުރުމުން އެކަމުން އޭނާއަށްވުރެ ބޮޑަށް ފައިދާ ވާނީ އަހަންނަށް،" މޯހިތު ބުންޏެވެ. މޯހިތު ޑައިރެކްޓްކުރި ފިލްމު "އާވާރާޕަން"ގެ މަންޒަރެއް--ފޮޓޯ/ފިލްމުފެއަ މޯހިތު ސޫރީގެ ފުރަތަމަ ފިލްމު "ޒެހެރް" (2005) ގައި ވެސް ލީޑް ރޯލް ކުޅުނީ އާއިލީ ގޮތުން ވެސް މޯހިތާ ގުޅުން އޮންނަ އިމްރާނެވެ. އޭގެ ފަހުން "މާޑާ 2"، "އަވާރަޕަން" އަދި "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުސް" ފަދަ ފިލްމުތަކުގައި ދެ މީހުން އެކީގައި ވަނީ މަސައްކަތްކޮށްފައެވެ. މޯހިތު ޑައިރެކްޓްކުރި "އަވާރަޕަން"ގައި އިމްރާންގެ އިތުރުން ޝްރިޔާ ސަރަން، މްރިނާލިނީ ޝަރްމާ އަދި އާޝިޝް ވިދްޔާތީ މުހިއްމު ރޯލްތައް ކުޅުނެވެ. މުކޭޝް ބަޓް ޕްރޮޑިއުސްކުރި މި ފިލްމަކީ 2007 ވަނަ އަހަރު ރިލީޒްކުރިއިރު ވިޔަފާރީގެ ގޮތުން އެހާ ކާމިޔާބު ފިލްމަކަށް ނުވި ނަމަވެސް، ފަހުން ގިނަ ބައެއްގެ މެދުގައި މަގުބޫލު "ކަލްޓް ހިޓް"އަކަށް ވެފައިވާ ފިލްމެކެވެ. "އަވާރަޕަން"ގެ ސީކުއަލްއެއް އުފައްދާނެކަން އިމްރާން އިއުލާން ކުރީ މިދިޔަ މާރިޗު މަހެވެ. އެއަށް ފަހު، އާންމުކުރި ކުރު ވީޑިއޯއެއްގައި، ފުރަތަމަ ފިލްމުގެ ހަނދާންތައް އާކޮށްދޭ މަންޒަރުތަކެއް ވަނީ ދައްކާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ