ނޮވެންބަރުން ފެށިގެން އަމިއްލަ ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދައްކައިފި
ސަރުކާރުން މީގެ ކުރިން ހިންގާފައި ހުރި އެކިއެކި މަޝްރޫއުތަކަށް ދޫނުކޮށް ހުރި ފައިސާގެ ތެރެއިން 3.3 ބިލިއަން ރުފިޔާ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ދޫކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދޫނުކުރާތީ، އެ މައްސަލަ އޮތީ ބޮޑުވެފައެވެ. އެ ކަމާ މެދު ކުންފުނިތަކުގެ ޝަކުވާ ބޮޑެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ބޭރާއި އެތެރޭގެ ދަރަނިތައް ވެސް ވަރަށް ބޮޑު އިސްކަމެއްދީގެން އަދާކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން، މި މަހުގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ދަރަންޏަކާއި 400 މިލިއަން ޑޮލަރުގެ ދަރަންޏެއް އަދާކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ދިވެހި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދޫކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު: ވިދާޅުވީ ދަރަނިތައް ދައްކަމުން އަންނަ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް އެ ގޮތުން، މިދިޔަ އަހަރުގެ ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އެކިއެކި ދިވެހި ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އެކިއެކި ބޭސް ކުންފުނިތަކާއި ފާމަސީތައް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި، މި ހަފުތާ ތެރޭގައި އިތުރު 260 މިލިއަން ރުފިޔާ ދޫކުރާނެކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ. "އަޅުގަނޑުމެން މި ބަލަނީ ވީހާ ވެސް ބޮޑަކަށް ރައްޔިތުންނަށް ދަތިވާ ކަންތައްތައް، ރައްޔިތުންނަށް ދޭން ހުރި ފައިސާ ވެސް ދެމުން، ރައްޔިތުން ބޮލުގައި އަޅުވާފައި ކުރިން އޮތް ދަރަނިތައް ބޮލުން ނައްޓާލަން،" އެ މަނިކުފާނު ވިދާޅުވިއެވެ. ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ފާއިތުވި ހަ މަސް ދުވަސް ތެރޭގައި ދޫކުރި ކަމަށް ރައީސް ވިދާޅުވި ނަމަވެސް ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ޖުމުލަ ފައިސާގެ އަދަދު މިހާތަނަށް ވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. https://sun.mv/215421 މީގެ ކުރިން ރައީސް ވަނީ މިދިޔަ 2025 ވަނަ އަހަރުގެ ރޯދަމަހުގެ ކުރިން ވެސް އެ ބިލުތައް ދައްކާ ނިންމަން ވައުދުވެލައްވާފައެވެ. އެކަމަކު، އެ ތާރީޚަށް ވެސް ފައިސާ ދައްކާ ނުނިންމުނެވެ. އޭގެ ފަހުން، 10 ދުވަސްތެރޭ ބިލުތައް ދައްކާނެ ކަމަށް މި އަހަރުގެ އޮކްޓޫބަރު 21 ގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމަކު، އަދިވެސް ވިޔަފާރިވެރިންނަށް އެތައް ބިލިއަން ރުފިޔާއެއް ނުދައްކާ އެބައޮތެވެ. އޭގެ ފަހުން މި ރޯދައިގެ ކުރިން ދައްކާ ނިންމާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުން ނުދައްކާ ހުރި ބިލުތަކުގެ ޖުމުލަ އަދަދާއި ތަފުސީލުތައް ހާމަކުރަން ވެސް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދުމުން ވެސް ފިނޭންސް މިނިސްޓްރީން އެ މައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ. އެހެންވެ، ކުންފުނިތަކަށް ނުދައްކާ އޮތީ ސީދާ ކިހާ އަދަދެއް ކަމެއް ނޭނގެއެވެ. އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތުކުރައްވާ ގޮތުގައި އެ އަދަދު 14 ބިލިއަން ރުފިޔާއަށް އަރާނެއެވެ. ވިޔަފާރިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ސަރުކާރުން ފައިސާ ނުލިބި އެތައް ދުވަހެއް ހޭދަކުރަން ޖެހުމެވެ. އޭގެ ސަބަބުން އެ ވިޔަފާރިވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ