ތިމާ ދައްކާ ވާހަކަތައް ބައިވެރިޔާ ލައްވައި އަޑުއައްސުވަން ބޭނުންވާނަމަ ތިމާވެސް ޖެހޭނީ ބައިވެރިޔާގެ އަޑުއަހަން!

ގިނަ ބައަކަށްވާ ގޮތަކީ އެހެން މީހުން ދައްކާ ވާހަކަ އަޑުއަހަން ބޭނުން ނުވުމެވެ. އެކަމަކު އެމީހާ ދައްކާ ވާހަކަ އެހެން މީހުން އަޑުނުއަހާނަމަ ރުޅި އައުދެއެވެ. މިއީ ދެކޮޅުޖެހޭނެ ގޮތެއް ނޫނެވެ. ފުރަތަމަ ކަމަކަށް އޮތީ ތިމާއަކީ އެހެން މީހުން ދައްކާ ވާހަކަ އަޑުއަހާ މީހަކަށްވުމެވެ. އެހެން މީހުން ދައްކާ ވާހަކަ އަޑުއަހަން ބޭނުންވާ މީހަކަށްވުމެވެ.  
ފުރަތަމަ މިބަލައިލަނީ އަހުރެމެން އުފައްދަވާފައިވާ ގޮތުން ލިބިގަންނަން ޖެހޭ ފިލާވަޅަށެވެ.
ﷲ ތަޢާލާ އިންސާނާ އުފައްދަވާފައިވަނީ އެންމެ ފުރިހަމައަށެވެ. އެއީ އެއްވެސް ޝައްކެއް ކުރަންޖެހޭނެ ކަމެއް ނޫނެވެ. ސައިންސުގެ ގޮތުން މިހައި ބޮޑަށް ކުރިއަރާފައިވާއިރުވެސް އިންސާނަކު ނުއުފެއްދިގެން އުޅޭ ސަބަބުތަކުގެ ތެރޭގައި ﷲ ތަޢާލާ އިންސާނާ އުފައްދަވާ ފުރިހަމަކަމާއި ފުރާނައެޅުއްވުމުގެ ބާރު ހަމައެކަނި ﷲ ތަޢާލާއަށް ލިބިވޮޑިގެންވުން ހިމެނެއެވެ.  
ކޮންމެއަކަސް އެހައި ފުރިހަމައަށް، އެހައި ފުރިހަމަ ގޮތުގައި ﷲ ތަޢާލާ އިންސާނާ އުފައްދަވާފައިވާއިރު އިންސާނާއަށް ﷲ ތަޢާލާ ދެއްވަވާފައިވަނީ އެންމެ އަނގައަކާއި 2 ކަންފަތެވެ. މިކަމުގައި ވަރަށް ވަރުގަދަ ޙިކުމަތެއް ވާނެކަން ޤަބޫލުކުރަންޖެހޭނެއެވެ.  
އޮތީ ވިސްނައި ފިކުރުކުރުމެވެ. އެހެންވެ އަހުރެން ވިސްނި ވިސްނުމުން އަހުރެންނަށް އެނގުނީ ތިމާ ބަސްބުނާ، ވާހަކަދައްކާ މިންވަރަށްވުރެ 2 ގުނަ އިތުރަށް އެހެން މީހުން ދައްކާ ވާހަކައަޑުއަހަން ޖެހޭނެ ކަމެވެ. މިއީ އަހުރެންނަށް ވިސްނުނު ގޮތެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.  
ކޮންމެއަކަސް އެހެން މީހުން ދައްކާ ވާހަކަ ކަނުލައި އަޑުއެހުމާއި އަދި އެހެން މީހަކު ވާހަކަ ދައްކާނަމަ އޭނާ ވާހަކަ ދައްކައި ނިމެންދެން އަޑުއަހަން ހުރުމަކީ ރިވެތި އަޚްލާޤްގެ ތެރެއިން ހިމެނޭ ކަމެކެވެ. އެސިފައަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރުން ލާޒިމް ސިފައެކެވެ.  
އެއީ ފިރިމީހާ ކަމުގައިވީނަމަވެސް، އަނބިމީހާ ކަމުގައިވީނަމަވެސް، ދަރިން ކަމުގައިވީނަމަވެސް ، މުވައްޒިފަކު ކަމުގައިވީނަމަވެސް އަދި ކޮންމެ މީހަކު ކަމުގައިވީނަމަވެސް ތިމާއާއި ވާހަކަ  ދައްކާނަމަ އެމީހަކު ވާހަކަ ދައްކައިނިމެންދެން ކެތްތެރިކަމާއިއެކު އަޑުއަހާށެވެ. އެހެން ނޫންނަމަ އޭނާ އެބުނަންއުޅޭ ވާހަކަ ފުރިހަމައެއް ނުކުރެވޭނެއެވެ. ފުރިހަމަ ނުކުރެވުނީމާ އޮންނާނީ ބުނަންއުޅޭ އެއްޗެއް ނުއެނގިފައެވެ. އެއިރުން ދެވޭނީ ރަނގަޅު ޖަވާބެއް ނޫނެވެ. އެވާހަކައިން ތިމާއަށް ކުރަންޖެހޭ ވީމާ ކޮންމެ މީހަކު ވާހަކަދެއްކިނަމަވެސް މިކަމަށް ސަމާލުކަންދޭންވާނެއެވެ.  
އަދި ކީއްހެއްޔެވެ؟ މުޝްރިކުން ދެންނެވި ވާހަކަތައްވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަނގަޅަށް އަޑުއެއްސެވިއެވެ. ކެތްތެރިކަން އިސްކުރެއްވެވިއެވެ. ވީމާ މިއީ ސުންނަތުގެ ތެރެއިންވެސް ހިމެނޭ ކަމެކެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ