ގްރީންލޭންޑްގެ މައްސަލައިގައި އިނގިރޭސީން، އެމެރިކާ ދެކެ ރުޅި އަތުވެއްޖެ
ލަންޑަން (18 ޖަނަވަރީ 2026): ގްރީންލޭންޑްގެ މައްސަލާގައި އިނގިރޭސިވިލާތް ހިމެނޭގޮތަށް އެމެރިކާ ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް އެޅި ފިޔަވަޅުތައް ބަލައި ނުގަނެވޭނެ ކަމަށާއި އެއީ އެމެރިކާއިން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް އިނގިރޭސި ބޮޑުވަޒީރު ކީރު ސްޓާމާ ވިދާޅުވެއްޖެއެވެ. ސްޓާމާ ވިދާޅުވީ، ގްރީންލޭންޑަކީ ޑެންމާކުގެ ސަރަހައްދެއް ކަމުގައެވެ. ޑެންމާކުގެ ސޮވެރިން ހައްގުތައް ދިފާއުކުރުމަށް ކުރާ މަސައްކަތަކާ ގުޅިގެން އެމެރިކާ ފިޔަވަޅު އެޅުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ، އެމެރިކާއިން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށް ސްޓާމާ ސިފަކުރެއްވިއެވެ. ޓްރަމްޕް ވަނީ ގާނޫނާ ޚިލާފަށް ގްރީންލޭންޑަށް އެމެރިކާ ވެރިވެގަތުމަށް އޭނާ ގެންގުޅުއްވާ ޕްލޭނާ ދެކޮޅު ހަދާ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވުމަށް ފަހު، އިނގިރޭސިވިލާތް ހިމެނޭގޮތަށް ޔޫރަޕްގެ އަށް ގައުމަކާ ދެކޮޅަށް 10 އިންސައްތައިގެ ޓެރިފްގެ ފިޔަވަޅުތައް އަޅުއްވާފައެވެ. މީގައި ހިމެނެނީ ޑެންމާކް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ނޯވޭ، ސްވިޑެން، ފިންލޭންޑް ނެދަލޭންޑްސް އަދި ޖަރުމަނެވެ. ޓްރަމްޕްގެ ގަރާރުގެ ސަބަބުން މި އަށް ގައުމުން އެމެރިކާއަށް އެތެރެކުރާ މުދަލުން 10 އިންސައްތައިގެ ޓެރިފެއް ނަގާނެއެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ޔޫރަޕް އިއްތިޙާދުގެ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެރިފެއް ނަގަން ނިންމައި، އެކަން ތަންފީޒުކުރަން ފައްޓަވާފައެވެ. އެހެންކަމުން ކުރިން އަޅާފައިވާ 25 އިންސައްތައިގެ ޓެރިފާ އެކު މި އަށް ގައުމު މިހާރުވަނީ އެމެރިކާގެ 35 އިންސައްތައިގެ ޓެރިފަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ މި ގައުމުތަކަށް ވަރަށް ބޮޑު އެއްޗެކެވެ. އެއީ މިކަމުގެ ސަބަބުން އެ ގައުމުތަކުގެ މުދައު އެމެރިކާގެ ބާޒާރުތަކުގައި އަގުބޮޑުވާނެތީއެވެ. އަދި، އަގުބޮޑުވުމުގެ ސަބަބުން އެތަކެތި ނުވިކިދާނެތީއެވެ. ގްރީންލޭންގެ ދިފާއުގައި ޔޫރަޕުން އަޅާ އަސްކަރީ ފިޔަވަޅުތަކަށް ވެސް ޓްރަމްޕް ވަނީ ޖޯކު ޖައްސަވާފައެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުން ގްރީންލޭންޑްގެ ދިފާއުގައި އެ ސަރަހައްދަށް ފޮނުވި އަސްކަރީ ބާރުތަކަކީ ކުއްތާގެ ކަރުގައި ވާޖަހައިގެން ދުއްވާ ގަޑިއާތަކާ އެއްފެންވަރުގެ އެއްޗެއް ކަމަށް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ. ޓްރަމްޕް ވަނީ ގްރީންލޭންޑަށް ވެރިވެގަތުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކާ ދެކޮޅު ހަދާ ޔޫރަޕްގެ ގައުމުތަކުން އެކަން ހުއްޓާނުލައިފިނަމަ މި މައްސަލައިގައި ޔޫރަޕްގެ އަށް ގައުމަކާ ދެކޮޅަށް އެޅި ޓެރިފްގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ޓެރިފް 25 އިންސައްތައަށް ބޮޑުކުރާނެކަމުގެ އިންޒާރު ވެސް ދެއްވާފައެވެ. ގްރީންލޭންޑަށް ވެރިވެގަތުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކާ ދެކޮޅު ހެދުމުގެ ގޮތުން ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ހުންނަ އެމެރިކާގެ އެންބަސީގެ ކުރިމަތީގައި އެ ގައުމުގެ ރައްޔިތުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ