ހުރިހާ ގޮތަކުން ވެސް ޗާގޯސް ލިބެންޖެހޭނީ ރާއެްޖެއަށް: ރައީސް މުއިއްޒު

ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށް ވުރެ ބޮޑަށް، ޖިއޮގްރަފީގެ ގޮތުންނާއި ތާރީހީ ގޮތުންނާ އަދި ގާނޫނީ ގޮތުން ވެސް ރާއްޖެއަށް އޮތް ހައްގު ބޮޑު ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އެހެން ވިދާޅުވީ އިނގިރޭސިވިލާތުގެ 'އެކްސްޕްރެސް.ކޯ.ޔޫކޭ' ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ. އެ ހަބަރު އެ ނޫހުން މިއަދު ވަނީ ޝާއިއުކޮށްފަ އެވެ.
ބުނީ ކީކޭ؟ - ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިންގެ މެދުގައި ތާރީހީ ގޮތުން ފޯޅަވަހިީގެ ނަމުން މަޝްހޫރުވެފައިވާ ޗާގޯސްގެ މުސްތަގްބަލާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކު ރަސްމީކޮށް މުއާމަލާތްކޮށްފައިވާ ކަމަށެވެ.
ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި، މި މައްސަލައަކީ ހަމައެކަނި ބައިނަލްއަގްވާމީ ސިޔާސީ މަސްލަހަތާ ގުޅިފައިވާ ކަމެއް ނޫނެވެ. މިއީ ތާރީހީ ހަގީގަތްތަކާއި އިންސާފާ އަދި ޒަމާންވީ އެކުވެރި ބައިވެރިއެއްގެ އަޑު އެހުމަށް އިނގިރޭސިވިލާތުން ދޭ އަހައްމިއްޔަތާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދެކުނުން އޮންނަ އަދި އަޅުގަނޑުމެން ފޯޅަވަހީގެ ނަމުން ނަންދީފައިވާ ޗާގޯސް އާއި ރާއްޖެއާ ދެމެދު ތާރީހީ ގުޅުންތަކެއްވޭ. މި ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ހެކިތަކެއް. އަދި އެހެން އެއްވެސް ގައުމަކަށް ވުރެ ބޮޑަށް މި ޖަޒީރާތަކުގެ މައްޗަށް ދައުވާ ކުރުުމުގެ ހައްގު ރާއްޖެއަށް އޮތް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ.
"މިހާރު ވާނީ ރަސްމީ ސިޓީތަކެއްގެ ޒަރީއާއިން އިނގިރޭސި ސަރުކާރަށް މި މައްސަލަ ހުށަހަޅައި އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައި. އެ މަޝްވަރާތަކުގެ ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ނަމަވެސް، ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްޗަށް އެންމެ ވަރުގަދަ ދައުވާއެއް ކުރެވެން އޮތީ ރާއްޖެއަށް ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް އެބައޮތް."
ފާހަގަކޮށްލެވޭ - ރައީސް ވަނީ މި މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވިކަން، 2024ގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ހާމަކުރައްވާފަ އެވެ.
ޗާގޯސް މޮރިޝަސްއާ ހަވާލުކޮށް، އެ ތަނުގެ މުހިންމު އަސްކަރީ މަރުކަޒު އަނބުރާ ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ "ބޮޑު މޮޔަކަމެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ ސިފަކުރައްވާފަ އެވެ.
މިދިޔަ މޭ މަހު އިނގިރޭސިވިލާތުން ސޮއިކުރި 3.4 ބިލިއަން ޕައުންޑް (4.6 ބިލިއަން ޑޮލަރު)ގެ އެއްބަސްވުމެއްގެ ދަށުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން އެއްބަސްވި ނަމަވެސް، ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒުގެ ބާރު އިނގިރޭސިވިލާތަށް އޮންނާނެ އެވެ. އެގޮތުން، 99 އަހަރުގެ މުއްދަތަކަށް ޑިއޭގޯ ގާސިއާ އަނބުރާ ކުއްޔަށް ހިފުމަށް އަހަރަކު 101 މިލިއަން ޕައުންޑް އިނގިރޭސިވިލާތުން ހޭދަކުރާނެ އެވެ.
އެނގުން މުހިންމު - އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.
އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:
ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު
މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު
ނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީން ތުހުމަތުކުރީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. ކަނޑު ހޯދުމުގެ މަސައްކަތުގައި އިދިކޮޅުން ކުރި މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ވެސް މުނައްވަރެވެ.
ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ހިމަނައި އެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފެށި އެވެ. އެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދި އެވެ.
އެކަމަކު އަދި އަދަށް ދާންދެން ވެސް އިޓްލޮސްގެ ނިންމުން މުރާޖައާކުރުމަށް ސަރުކާރުން ހުށަހަޅާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ