ޗާގޯސް ލިބުން އެންމެ ހައްގު ބޮޑީ ރާއްޖެއަށް ކަމަށް ރައީސް އަނެއްކާވެސް ވިދާޅުވެއްޖެ
ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އިސްތިއުމާރުކޮށްގެން ތިބި އިނގިރޭސިން އެ އަތޮޅު މޮރިޝަސްއާ ހަވާލުކުރިޔަސް އެތަން ލިބުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ދިވެހިރާއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ. ރައީސް އެހެން ވިދާޅުވީ އިނގިރޭސިވިލާތުގެ 'އެކްސްޕްރެސް.ކޯ.ޔޫކޭ' ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ. އެ ހަބަރު އެ ނޫހުން މިއަދު ވަނީ ޝާއިއުކޮށްފަ އެވެ. އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުގައި ރައީސް ވަނީ ޗާގޯސް ދޭންޖެހޭނީ ރާއްޖެއަށް ކަމަށް ރާއްޖޭން ގަބޫލުކުރާކަން އިނގިރޭސި ސަރުކާރަށް ރަސްމީކޮށް އަންގައި އެގޮތަށް ރާއްޖޭން ދެކޭ ސަބަބުތައް ވެސް ހާމަކޮށްފައިވާނެ ކަމަށެވެ. މިކަން އިނގިރޭސި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ޗާގޯސް އަކީ ތާރީހީ ގޮތުން ރާއްޖެއާ ގުޅުންތަކެއް އޮތް ތަނެއް ކަމަށް ރައީސް ވިދާޅުވި އެވެ. "... ޗާގޯސްގެ ރަށްތަކާ ދިވެހިރާއްޖެއާ ތާރީހީ ގުޅުންތަކެއް އެބަހުރި - އެއީ ދިވެހިން ކިޔާ ގޮތުން ނަމަ ފޯޅަވަހި - އެއީ ރާއްޖޭގެ ދެކުނުގައި އޮންނަ ތަނެއް. މި ގުޅުމާ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް،" ރައީސް ވިދާޅުވެފައިވެ އެވެ. ރައީސް ވަނީ މި މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވިކަން، 2024ގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ހާމަކުރައްވާފަ އެވެ.ޗާގޯސް މޮރިޝަސްއާ ހަވާލުކޮށް، އެ ތަނުގެ މުހިންމު އަސްކަރީ މަރުކަޒު އަނބުރާ ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ "ބޮޑު މޮޔަކަމެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ ސިފަކުރައްވާފަ އެވެ.މިދިޔަ މޭ މަހު އިނގިރޭސިވިލާތުން ސޮއިކުރި 3.4 ބިލިއަން ޕައުންޑް (4.6 ބިލިއަން ޑޮލަރު)ގެ އެއްބަސްވުމެއްގެ ދަށުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން އެއްބަސްވި ނަމަވެސް، ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒުގެ ބާރު އިނގިރޭސިވިލާތަށް އޮންނާނެ އެވެ. އެގޮތުން، 99 އަހަރުގެ މުއްދަތަކަށް ޑިއޭގޯ ގާސިއާ އަނބުރާ ކުއްޔަށް ހިފުމަށް އަހަރަކު 101 މިލިއަން ޕައުންޑް އިނގިރޭސިވިލާތުން ހޭދަކުރާނެ އެވެ.ނެދަލޭންޑްސް، ފްރާންސް އަދި އޭގެ ފަހުން އިނގިރޭސީންގެ އިސްތިއުމާރީ ބާރުތަކުން ޔޫރަޕާއި އެފްރިކާގެ މީހުން މޮރިޝަސްގައި ވަޒަންވެރިކުރުވީ 17 ވަނަ ގަރުނުގަ އެވެ. އެކަމަކު ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވިތާ 2،500 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ޗާގޯސް އިން ފެނިފައިވާ ދިވެހި ބަހުން ލިޔެފައިވާ މަހާނަގާތަކަށް 900 އަހަރު ވެފައިވާކަން އެނގެން އޮންނައިރު އެއީ މޮރިޝަސްގައި މީހުން ވަޒަންވެރިވުމުގެ ކުރި އެވެ. އަދި ރާއްޖޭގެ ކުރީގެ ރަސްކަލަކު ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާކުރައްވާފައި އޮތުމާއި ރާއްޖޭގެ މަސްވެރިންނާއި ދަތުރުވެރިން ފޯޅަވައްސަށް ގޮސް އުޅޭ ވާހަކަ ލިޔެކިޔުންތަކުން ފެންނަން ހުރުން އެބަހުއްޓެވެ.ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ހިމަނައި އެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފެށި އެވެ. އެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދި އެވެ.އެކަމަކު އަދި އަދަށް ދާންދެން ވެސް އިޓްލޮސްގެ ނިންމުން މުރާޖައާކުރުމަށް ސަރުކާރުން ހުށަހަޅާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ