ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ: ރައީސް
ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުގެ "އެކްސްޕްރެސް ކޯ ޔޫކޭ"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ޗާގޯސް ރާއްޖެއަށް ލިބެން ޖެހޭ ކަމަށާއި އެކަމުގައި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އެ ކަމުގެ ތަފުސީލުތައް ހާމަކުރެވެން ނެތްކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތުމުގެ ހައްގު މާ ބޮޑު ކަމަށް ވިދާޅުވެފައެވެ. "ރާއްޖެއާއި ޗާގޯސްގެ ރަށްތަކާ ތާރީޚީ ގުޅުމެއް އެބަހުރި. ދިވެހީން ކިޔާ ގޮތުން ނަމަ ފޯޅަވަހި. އެއީ، ރާއްޖޭގެ ދެކުނުގައި އޮންނަ ތަނެއް. މި ކަމާ ބެހޭ ލިޔެކިޔުންތަކެއް ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް," އެ މަނިކުފާނު ވިދާޅުވިއެވެ. ޗާގޯސް ރަށްތައް -- ފޮޓޯ/ އަލާމީ ޗާގޯސް މައްސަލައިގައި ނޮވެންބަރު ދިހައެއް، 2024 ގައި ރައީސް ވަނީ ޗާގޯސްއަކީ ރާއްޖެއާ ގުޅިފައި އޮތް ތަނަކަށްވާ ކަމަށް ލިޔެކިޔުންތަކުން ފެންނަން ހުރުމުން އެތަން އެހެން ގައުމަކަށް ލިބުމަށް ވުރެ ރާއްޖެއަށް ލިބުން އައުލާކަން ބޮޑު ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، މިދިޔަ ސަރުކާރުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލީ ގާނުނާ ޚިލާފަށް ކަމަށާއި އެކަމުގައި ރައްޔިތުންގެ ބަހެއް ވެސް ހޯދާފައިނުވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެެވެ. އިިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965 ވަނަ އަހަރު މޮރިޝަސް އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރެވެ. އަދި، ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް ކުއްޔަށް ދީފައިވަނީ 2036ގެ ނިޔަލަށެވެ. ނަމަވެސް، 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި، އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފައެވެ. https://sun.mv/198968 އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ.އިން ވެސް ވަނީ ތަކުރާރުކޮށް އެދިފައިވެއެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާ އެކު، ޗާގޯސްއާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ. އަދި، މޮރިޝަސްއާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ. އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް އެކުލަވައިލާފައިވެއެވެ. އެ ކޮމިޓީގައި އިސްކޮށް ހުންނަވަނީ ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ