އޮސްޓްރޭލިއާގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދުތަކުގައި އެންމެ 3 ދުވަހުގެ ތެރޭގައި މިޔަރު ހަމަލާދިނުމުގެ ނުރައްކާތެރި 4 ހާދިސާއެއް ހިނގުމާ ގުޅިގެން، ނިއު ސައުތު ވޭލްސް (އެން.އެސް.ޑަބްލިޔު) ގެ ގިނަ ބީޗުތަކެއް ބަންދުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
މިޔަރު ހަމަލާގެ މި ހާދިސާތައް ހިނގާފައިވަނީ އާންމުންގެ މެދުގައި މަގުބޫލު ސަރަހައްދުތައް ކަމަށްވާ ސިޑްނީ ހާބަރ، މެންލީ، ޑީ ވާއި، އަދި ޕޮއިންޓް ޕްލޯމާ ފަދަ ސަރަހައްދުތަކުގައެވެ. މި ހާދިސާތަކުގައި ރާޅާއަޅަން އުޅުނު މީހުންނާއި މޫދަށް އެރި އުޅުނު އެކި އުމުރުފުރާގެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މީގެ ތެރެއިން ދެ މީހެއްގެ ފަޔަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އަނެއް ބަޔަކަށް ލިބިފައިވަނީ ކުދި އަނިޔާތަކެވެ. އަދި ބައެއް މީހުން ބޭނުންކުރި ސާފްބޯޑުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް، މި ހާދިސާތަކުގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ނިއު ސައުތު ވޭލްސްގެ ކަމާބެހޭ އިދާރާތަކުން ވަނީ ވަގުތުން ފިޔަވަޅު އަޅައި، އެތައް ބީޗެއް ބަންދުކޮށްފައެވެ. އަދި ޑްރޯން ބޭނުންކޮށްގެންނާއި ވައިގެ މަގުން މޫދު ސަރަހައްދު ބަލަހައްޓުމުގެ މަސައްކަތް އިތުރުކޮށް، މޫދަށް ނޭރުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގައުމުގެ ލައިފްގާޑުންނާއި މެރިން އެކްސްޕާޓުން ލަފާދެނީ، މި ދުވަސްވަރު މޫދަށް އެރުމުގެ ބަދަލުގައި ރައްކާތެރި ގޮތެއްގެ ގޮތުން 'ޕަބްލިކް ޕޫލްސް' ބޭނުންކުރުމަށެވެ.
ކަނޑުގެ ދިރުންތަކާ ބެހޭ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، ކުއްލިއަކަށް މިގޮތަށް މިޔަރުގެ ނުރައްކާ ބޮޑުވެފައިވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އައްސޭރިފަށުގެ ލޮނުގަނޑު ކުލަބަދަލުވެ ކިލަނބުވުމުން، ކާނާ ހޯދުމަށްޓަކައި މިޔަރުތައް، ޚާއްޞަކޮށް ބުލް ޝާކް އައްސޭރިފަށާ ގާތަށް އަންނަނީއެވެ. "ބުލް ޝާކް" އަކީ ލޮނުފެނުގަޔާއި މީރުފެނުގައިވެސް އުޅޭ އެއްޗަކަށްވާއިރު، ހޫނު މޫސުމުގެ މަސްތަކުގައި އެން.އެސް.ޑަބްލިޔު އައްސޭރިފަށުގައި މިފަދަ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ.
އޮސްޓްރޭލިއާގައި މިޔަރުގެ ހާދިސާތައް ހިނގުމަކީ މަދުން ނަމަވެސް ފެންނަ ކަމެއް ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ ހާދިސާތަކެއް ހިނގުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް މާހިރުން ފާހަގަކުރެއެވެ. އެހެންކަމުން، ކަމާބެހޭ ފަރާތްތަކުން ދަނީ އެ ސަރަހައްދުގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި ނުރައްކާ ކުޑަވަންދެން ރައްކާތެރިކަމުގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެގައުމުގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
މިޔަރުގެ ނުރައްކާތެރި ހާދިސާތަކެއްގެ ސަބަބުން އޮސްޓްރޭލިއާގެ ބީޗުތައް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ