އަނބިމީހާގެ އާއިލާގެ ކުދިންތަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުގައި ހުރި ސަނީ އުމަރު ދިިރިއުޅުނު ގެއަށް މިއަދު އޭނާ ގެންދިއުމުން އެ ގޭގެ އާއިލާއިން ފުލުހުންނަށް ނުރުހުން އަމާޒުކޮށްފި އެވެ.
ވީ ކިިހިނެއް؟ - މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއެއް ހިންގަމުން ދިޔަ ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކުރީ މީގެ މަސްދުވަސް ކުރިންނެވެ.
ޝަރީއަތް ނިމެންދެން ބަންދުގައިކޮށްފައި ހުރި ސަނީ އުމަރު ދިރިއުޅުނު ގޭގެ އެޕާޓްމަންޓް އޭނާގެ ހާޒިރުގައި ފުލުހުން ވަނީ މިއަދު މެންދުރުފަހު ބަލައި ފާސްކޮށްފަ އެވެ.
ތަފްސީލު - ފުލުހުން ބަލައި ފާސްކޮށްފައިވަނީ ސަނީ އުމަރުގެ އަނބިމިހާ ނިސްބަތްވާ ހ. އަދުންގޭގެ ތިން ވަނަ ފަންގިފިލާގެ އެޕާޓްމެންޓެކެވެ.
ގަޑިއެއްހާއިރު ފުލުހުން އެ ގޭގައި ހަރަކާތްތެރިވިއިރު، އެ ސަރަހައްދުގައި ނޫސްވެރިން ތިބި ވަގުތު އާއިލާއިން ފުލުހުންނަށާއި ސަނީ އުމަރަށް ނުރުހުން ފާޅު ކުރާ އަޑު އިވިފައިވެ އެވެ. އަދި އެތަނަށް ދިޔަ ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން އިތުރު ފުލުހުން ވެސް އެ ގެއަށް ވަންނަން ޖެހުނެވެ.
ބަލައި ފާސްކުރުމަށް ފަހު، ކާރަށް އެރި ވަގުތު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ހިނގި އެވެ.
ސަނީ އުމަރު ކާރަށް އަރުވައިގެން ގެންދިޔަ ފަހުން އާއިލާއިން ވަނީ ނޫސްވެރިންނާ އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެގޮތުން، އެ އާއިލާއިން ބުނީ:
ފުލުހުން އެ ގެއަށް ފުރަތަމަ ވަނީ އެއްވެސް ކަހަލަ އެނގުމެއް އަދި ކޯޓު އަމުރެއް ވެސް ނުދައްކާ
ފުލުހުން ކަންތައް ކުރި ގޮތުން ސަނީ އުމަރުގެ ފަރާތުން އަނިޔާ ލިބުނު ކުދިން އިތުރަށް ވިކްޓިމައިޒްވުމަށް ފުރުސަތު ހުޅުވިގެން ދިޔަ
ކޯޓު އަމުރުގައި އޮތީ އެ ގޭގެ ނަމެއް ނޫން
"އޭނާ ހައްޔަރުކުރުމުން އަހަރެމެން ތިބީ ވަރަށް އުފަލުން. ފުރަތަމަ ހައްޔަރު ކުރިއިރު ދޫކޮށްލާނެ ކަމަށް ބިރު ވެސް ގަތް. އެކަމަކު ޝަރީއަތް ނިމެންދެން ބަންދުކުރުމުން ކިރިޔާ މި އާއިލާއަށް ހަމަޖެހިގެން ނިދުނީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"އަހަރެމެންގެ ސުވާލަކީ، ހައްޔަރުކޮށްގެން މަހެއްހާ ދުވަސް ފަހުންތޯ ފުލުހުން އެޕާޓްމަންޓް ބަލަން އަންނަންވީ؟ އޭގެ ކުރިން ނައީ ކީއްވެ؟ އަދި އައި އިރު ވެސް ކޯޓު އަމުރު އޮތީ ނުބައި އެޑްރެހެއްގައި."
ފުލުހުން އެ އާއިލާއަށް ދެއްކި ކޯޓު އަމުރުގައި އޮތީ، ހ. ސިޓްރަސް ގޭގެ ތިން ވަނަ ފަންގިފިލާ އެވެ.
އެ އަމުރުގައިވާ ގޮތުން، މިދިޔަ މަހު 1 ވަނަ ދުވަހު ސަނީ އުމަރު ހައްޔަރު ކުރި އިރު، އޭނާ އަތުގައި އޮތީ އައިފޯނު 12 ބްރޭންޑްގެ މޯބައިލް ފޯނެކެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރިިއިރު، ޒިއޯމީ ބްރޭންޑްގެ މޯބައިލް ފޯނެއް ކަމަށް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
"އެހެންކަމުން، މީނާގެ ފޯނު އަދި މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖަކަށް ލެޕްޓޮޕުން ހަޑިހުތުރު މަންޒަރު ދެއްކި ކަމަށް ކިޔައިދީފައިވާތީ، މީނާގެ ލެޕްޓޮޕް، ފޯނު ނުވަތަ އެހެން ވެސް އިލެކްޓްރޯނިކް ޑިވައިސްތައް ހޯދުމަށް،" އެ އެޕާޓްމަންޓް ބަލައި ފާސް ކުރަން ބޭނުންވާ ސަބަބެއްގެ ގޮތުގައި އެ އަމުރުގައި ލިޔެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ސަނީ އުމަރު އެ ގެއަށް ގެންދިޔުމުން އާއިލާގެ ނުރުހުން: 'ކޯޓު އަމުރު އޮތީ ވެސް ނުބައިކޮށް'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ