ޔަމަނުގެ "ސްޕައިޑާމޭން" ގެ ނަމުން މަޝްހޫރުވެފައިވާ މީހަކު، އެ ގައުމުގެ ހުޅަނގު ދެކުނުގައި އޮންނަ އަލިފާން ފަރުބަދައެއްގެ ތެރެއަށް ވެއްޓި މަރުވެއްޖެ އެވެ.
ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލް-ގާގާ އިބްނު އަންތަރު މަރުވީ މިދިޔަ ހުކުރު ދުވަހު އެއްވެސް ރައްކާތެރިކަމުގެ ވަސީލަތަކާ ނުލައި، އެ ސަރަހައްދުގައި ހުންނަ އުސް ފަރުބަދައަކަށް އަރަން އުޅުމުގެ ތެރޭގައި ވެއްޓިގެންނެވެ.
އުމުރުން 30 އަހަރުގެ އަންތަރަކީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މީހެކެވެ. އޭނާ މަޝްހޫރުވެފައިވަނީ އިންޓަނެޓުގައި އާންމުކުރާ ވީޑިއޯތަކުގައި ނުރައްކާތެރި ކުޅިވަރުތަކާއި ހަރަކާތްތައް ދައްކައިދޭ މީހެއްގެ ގޮތުގަ އެވެ.
އޭނާ ވެއްޓުނު "ހަރްދާ ޑޭމް" އަލިފާން ފަރުބަދައަކީ ޔަމަނުގައި ހުރި ގުދުރަތީ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ތަނެވެ.
އަންތަރު ފަރުބަދައިން ވެއްޓުނު ވަގުތު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވި އެވެ.
ޔަމަނުގެ ސިވިލް ޑިފެންސް އޮތޯރިޓީން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި، އެ އިދާރާގެ ރެސްކިއު ޓީމުން އަންތަރުގެ ހަށިގަނޑު ނެގުމަށް ކުރި މަސައްކަތަށް ވަނީ ތައުރީފުކޮށްފަ އެވެ.
ޔަމަނުގެ ދާލިއު ޕްރޮވިންސްގައި އޮންނަ "ހަރްދާ ޑޭމް" އަކީ ފާއިތުވި އަހަރުތަކުގައި ފަތުރުވެރިންގެ މެދުގައި މަގުބޫލުކަން ލިބެމުންފާ ފަރުބަދައެކެވެ. އެ ފަރުބަދައިގައި ސަލްފާ އެކުލެވޭ ހޫނު ފެންގަނޑެއް އޮވެ އެވެ.
ޔަމަނުގެ ސްޕައިޑާމޭން އަލިފާން ފަރުބަދައެއްގެ ތެރެއަށް ވެއްޓި މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ