ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މިނިސްޓަރު ޠާރިޤާއި ޑޭވިޑް ޖެސަޕް މަޝްވަރާކުރައްވައިފި

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި ހައި އެކްސެލެންސީ ޑޭވިޑް ޖެސަޕް މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ މެދުގައި އިސްތިރާޖީ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.
މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކަށް ކެތްކުރެވޭފަދަ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ. މިގޮތުން، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމާއެކު، އިޤްތިޞާދުގެ މައިނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދެ ދާއިރާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޠާރިޤް އިބްރާހީމް ވަނީ، ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ސަރުކާރާއި އަމިއްލަ ދާއިރާ ގުޅިގެން މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ހަމައެހެންމެ، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.
މި މަޝްވަރާތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ތިމާވެއްޓާ އިތުރަށް ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ދާއިރާއަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
 
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ