ސަރުކާރުން ގަބޫލު ކުރަނީ ސިޑްސް އިން އުންމީދީ ނަތީޖާ ތަކެއް ނެރެވޭނެ ކަމަށް

ހީނާ ވިދާޅުވީ މައްސަލަތަކަށް ސިޑްސް ކޮންފަރެންސް ނިމިގެންދާއިރު އެކަށީގެންވާ އުންމީދީ ހައްލުތަކެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރާ ކަމަށެވެ.
ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބައިނަލްއަގްވާމީ ކޮންފަރެންސް އިން އުންމީދީ ނަތީޖާތަކެއް ނެރެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ. 
އެންޓިގާ އެންޑް ބާބިޑާ ގައި ކުރިއަށް ދިޔަ މި ކޮންފަރެންސް ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންފައިވެއެވެ. އެ ކޮންފަރެންސްގެ އެކި ހަރަކާތްތަކުގައި ރައީސް ތަގުރީރުކުރައްވާފައިވާއިރު، އެ ކޮންފަރެންސްގެ ހަވާސާގައި ގައުމުތަކާއި ބައިނަލްއަގުވާމީ މުއައްސަސާތަކުގެ ވެރިންނާ އެމަނިކުފާނު ބައްދަލު ކުރެއްވި އެވެ. އަދި ކޮންފަރެންސްގެ ހަވާސާ ގައި ރާއްޖެއިން އިސްނަގައިގެން ބައެއް އިވެންޓުތައް ކުރިއަށް ގެންގޮސްފައިވެ އެވެ. 
ކުދި ޖަޒީރާ ގައުމުތަކުން ފާއިތުވި 30 އަހަރެއްހައި ދުވަހު ފާހަގަ ކުރަމުން ދިޔައީ އެއް ގޮންޖެހުންތަކެއް ކަމާއި އެ ގޮންޖެހުން ތަކަށް އެކަށީގެންވާ ހައްލުތަކެއް އަދި ވެސް ހޯދައިދެވިފައިނުވާ ކަން ރައީސްގެ ތަގުރީރުތަކުގައި ފާހަގަކުރައްވާފައިވެ އެވެ.މި އަހަރުގެ ކޮންފަރެންސް އިން އެކަށީގެންވާ ނަތީޖާ ތަކެއް ނެރެވިދާނެ ކަމަށް ސަރުކާރުން ދެކޭތޯ "ދަ މިރާ" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މި ކޮންފަރެންސް އިން އުންމީދީ ނަތީޖާތަކެއް ހާސިލުވާނެ ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. 
ފާއިތުވި 30 އަހަރުގެ ތެރޭގައި ކުދި ޖަޒީރގަޤައުމުތަކުން އެއް ކަންބޮޑުވުންތަކެއް ފާހަގަކުރަމުންދާއިރު، އެކަންކަމާ ގުޅިގެން ބައިނަލްއަގްވާމީ ފަރާތްތަކުން ފޯރުކޮށްދިނުމަށް ވައުދުވާ އެހީތެރިކަން އެގޮތުގައި އެންމެ ފުރިހަމައަށް ނުލިބޭކަން ގަބޫލު ކުރައްވާ ކަމަށް ހީނާ ވިދާޅުވިއެވެ. 
"އެހެންވެގެން ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ވާހަކަފުޅެއްގައި އަދި އެމަނިކުފާނުގެ ހުރިހާ ސްޓޭޓުމެންޓުތަކެއްގައިވެސް އެކަމަށް އަލިއަޅުވައިލައްވައި، އެކަމަށް ވަރަށް ބޮޑަށް ވަކާލާތުކުރެއްވި ދެއްތޯ؟ ހާއްސަ ގޮތެއްގައި ފައިނޭންސް ކުރުމުގެ ދާއިރާއަށް އަންނަން ޖެހޭ ބަދަލުތަކާއި ހާއްސަ ކޮށް އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ފައިނޭންސް ކުރުމުގެ މިހާރަށް ވުރެ ތަފާތު ގޮތްތަކަށް ބައިނަލްއަގްވާމީ އިދާރާތަކުން އަމަލު ކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަ ކުރެއްވި،" ހީނާ ވިދާޅުވިއެވެ. 
ފަސޭހަ ލުއި ގޮތަކަށް ކުދި ޖަޒީރާ ގައުމުތަކަށް ފައިސާ ހޯދުމުގައި ހުރި ދަތިތައް ހައްލުކުރުމަށް އަމަލުކުރެވިދާނެ ތިން ގޮތެއް މި ކޮންފަރެންސްގެ ތެރެއިން ރައީސް ވަނީ ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ގިނަ ގައުމުތައް ބައިވެރިވާ މާލީ އިދާރާތަކުގެ ޕޮޒިޓިވް ކްރެޑިޓް ރޭޓިން ބޭނުންކޮށްގެން ބައިނަލްއަގްވާމީ ކެޕިޓަލް މާކެޓުތަކުން ފައިސާ ހޯދައިގެން ހެޔޮ އިންޓަރެސްޓު ރޭޓުތަކުގައި ކުދި ޖަޒީރާ ގައުމުތަކަށް ފައިނޭންސް ކުރެވިދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. 
ހީނާ އިތުރަށް ވިދާޅުވީ މިފަދަ މައްސަލަތަކަށް ސިޑްސް ކޮންފަރެންސް ނިމިގެންދާއިރު އެކަށީގެންވާ އުންމީދީ ހައްލުތަކެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރާ ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ