ސާއިދު ސްޕޯޓްސްގެ "ސްޓްރީކް ހީޓްސް" އަށް ބޮޑު ތަރުހީބެއް ސާއިދު ސްޕޯޓްސްގެ "ސްޓްރީކް ހީޓްސް" އަށް ބޮޑު ތަރުހީބެއް

އެތުލެޓިކްސް ކްލަބް، ސާއިދު ސްޕޯޓްސް އިން އެ ޖަމިއްޔާގެ އެތުލީޓުންނަށް ހާއްސަކޮށް، "ސްޓްރީކް ހީޓްސް" ނަމުގައި ބާއްވާ މުބާރާތަށް ނިސްބަތުން ބަލާއިރު ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ބުނެފި އެވެ.
އަންނަ ހަފްތާ ބަންދުގައި، ސެޕްޓެމްބަރު، 5 އާއި 6 ވަނަ ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ މި މުބާރާތަކީ، 2017 ވަނަ އަހަރުގެ ފަހުން ސާއިދު ސްޕޯޓްސްގެ އެތުލީޓުންނަށް ހާއްސަކޮށް ބާއްވާ ފުރަތަމަ މުބާރާތެވެެ. ސާއިދު ސްޕޯޓްސް ވުޖޫދުވި، އެ އަހަރު ބޭއްވި މުބާރާތަކީ، "ސާއިދު ސްޕޯޓްސް ލިޓްލް ޗޭމްޕް ފިއެސްޓާ" އެވެ.
ގާތްގަނޑަކަށް އަށް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ސާއިދު ސްޕޯޓްސް އިން އެ ކްލަބްގެ އެތުލީޓުންނަށް ހާއްސަކޮށްގެން މުބާރާތެއް ބޭއްވުމަށް ނިންމި އެންމެ ބޮޑު ސަބަބަކީ، ކްލަބްގައި ޓްރެއިނިންތަކެއް ހެދުމަށް ފަހު، ވާދަވެރި މާހައުލެއްގައި ކުޅުންތެރިންގެ ހުނަރު ވަޒަންކުރުމުގެ ބޭނުމުގަ އެވެ. މީގެ ފައިދާ ކުރިއަށް އޮތްތަނުގައި، ސާއިދު ސްޕޯޓްސްގެ އެތުލީޓުން ގައުމީ ލެވަލްގެ މުބާރާތްތަކުގައި ވާދަކުރާއިރު ކުރާނެ ކަމަށް އެ ކްލަބުން ދެކެ އެވެ.
އެ ގޮތުން، ސިލްސިލާކޮށް ބޭއްވުމަށް ނިންމާފައިވާ "ސްޓްރީކް ހީޓްސް" ގެ ފުރަތަމަ މުބާރާތުގައި 100 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެފައިވާއިރު، މިއީ އެ ކްލަބްގައި ތަމްރީން ހަދަމުން އަންނަ ނިސްބަތަށް ބަލާއިރު ބޮޑު ޕަސެންޓެކެވެ. އެހެންކަމުން، މި ފަހަރުގެ މުބާރާތް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށް ސާއިދު ސްޕޯޓްސް އިން ގަބޫލުކުރެ އެވެ.
"ސްޓްރީކް ހީޓްސް"ގެ އިވެންޓްތައް ބަހާލައިފައިވާ ގޮތަށް ބަލާއިރު، 2019، 2020 އަދި 2021 ވަނަ އަހަރު އުފަންވެފައިވާ 4-6 އަހަރުގެ ކުދިންނަށް، 60 މީޓަރު އިވެންޓާއި 60 މީޓަރު ހާޑްލްސް އަދި ކްރޮސް ކަަންޓްރީ 60 މީޓަރު ޝަޓްލް ރިލޭ އޮންނާނެ އެވެ.
އޭގެ އިތުރުން، 2016، 2017 އަދި 2018 ގައި އުފަންވެފައިވާ 7-9 އަހަރުގެ ކުދިންނަށް 60 މީޓަރު އިވެންޓާއި 60 މީޓަރު ހާޑްލްސް އަދި ކްރޮސް ކަންޓްރީ 60 މީޓަރު ޝަޓްލް ރިލޭ އޮންނާނެ އެވެ. އަދި، 2013، 2014 އަދި 2015 ވަނަ އަހަރު އުފަންވި، ކުދިންނަށް 80 މީޓަރު އިވެންޓާއި 150 މީޓަރު އިވެންޓާއި 80 މީޓަރު ހާޑްލްސް އަދި ކްރޮސް ކަންޓްރީ 80 މީޓަރު ޝަޓްލް ރިލޭ ހިމެނެ އެވެ.
"ސްޓްރީކް ހީޓްސް" ގެ ސީނިއާ ކެޓަގަރީ އަކަށް އޮތް، 13-15 އަހަރުގެ އުމުރުފުރާ ހާއްސަކޮށްފައިވަނީ، 2010، 2011 އަދި 2012 ވަނަ އަހަރު އުފަންވި ކުދިންނަށެވެ. އަދި، އެ އުމުރުފުރާ އަށް ކަނޑައަޅާފައި އޮތް އިވެންޓްތަކަކީ، 100 މީޓަރާއި 400 މީޓަރު އިވެންޓާއި 80 މީޓަރު ހާޑްލްސް އަދި ކްރޮސް ކަންޓްރީ 4 ގުނަ 100 މީޓަރު ރިލޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ