އޯޓިޒަމް ސެންޓަރުގައި ޑިޖިޓަލް ކްލާސްރޫމެއް ހުޅުވައިފި

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ހިންގާ އޯޓިޒަމް ސެންޓަރުގެ ދަރިވަރުންނަށް ޚާއްސަކޮށް އެ ސެންޓަރުގައި "ޖިނާ ޑިޖިޓަލް ރޫމް"ގެ ނަމުގައި ޑިޖިޓަލް ކްލާސްރޫމެއް މިއަދު ހުޅުވައިފިއެވެ. ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީގެ ހިލޭ އެހީގެ ދަށުން ގާއިމްކުރި މި ކްލާސްރޫމު ހުޅުއްވައިދެއްވީ، ރާއްޖެއަށް ޕާކިސްތާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފައިސަލް ރަސުލް ރޯދީ އާއި އޯޓިޒަމް އެސޯސިއޭޝަނުގެ ފައުންޑާ އަދި ޗެއާޕާސަން އިލްހާމް ހުސައިންއެވެ. އޯޓިޒަމް ސެންޓަރުގައި ބޭއްވި މި ހަފުލާގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކާއި ސަފީރުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަތެވެ. އޯޓިޒަމް ސެންޓަރުގައި ޑިޖިޓަލް ކްލާސްރޫމެއް ގާއިމްކުރުން -- މި ކްލާސްރޫމުގައި ޕާކިސްތާނު އެމްބަސީގެ ފަރާތުން ހަދިޔާކޮށްފައިވާ ފަސް ލެޕްޓޮޕާއި ތިން ސްމާޓް ސްކްރީން ހިމެނެއެވެ. މި ކްލާސްރޫމުގެ މަގުސަދަކީ އޯޓިޒަމް ސެންޓަރުން ޚިދުމަތް ހޯދާ ދަރިވަރުންގެ ޑިޖިޓަލް ހުނަރު ތަރައްގީކުރުމާއި އުނގެނުމުގެ ހުނަރު ތަރައްގީކުރުމެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިލްހާމް ވަނީ، މިފަދަ ޚިދުމަތެއް އޯޓިޒަމް ސެންޓަރުގައި ގާއިމްކުރުމަށް ޕާކިސްތާނު އެމްބަސީގެ ފަރާތުން ވެދޭ އެހީއާއި މީގެކުރިން ދީފައިވަނީ އެހީތެރިކަމަށް ޝުކުރު އަދަކުރައްވައިފައެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީގެ ފަރާތުން ތެރަޕިއުޓިކް ފަރުވާއާއި ތައުލީމީ ޚިުދމަތްތަކަށް ބޭނުންވާ މުހިންމު އާލާތްތައް އޯޓިޒަމް އެސޯސިއޭޝަނުގެ ތަރައްގީއަށް ފޯރުކޮށްދީގައި ވާކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އޯޓިޒަމް ސެންޓަރުގައި ޑިޖިޓަލް ކްލާސްރޫމެއް ގާއިމްކުރުން -- ސަފީރު ވިދާޅުވީ، އޯޓިޒަމް ސެންޓަރުން ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތަކީ ތައުރީފު ހައްގު ޚިދުމަތެއްކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި އޯޓިޒަމާއި އެނޫންވެސް ގޮތަތަކުން ޚާއްސަ އެހީއަށް ބޭނުންވާކުދިންގެ ތައުލީމާއި ތަރައްގީއާ ގުޅުންހުރި ކަންކަމުގައި ޕާކިސްތާނު އެމްބަސީން އެހީތެރިކަން ފޯރުކޮށްދޭނެކަމުގައި ސަފީރު ވަނީ ވިދާޅުވެފައެވެ. މި ހަފުލާގައި އޯޓިޒަމް އެސޯސިއޭޝަނާއި ޕާކިސްތާނު އެމްބަސީން ވަނީ އެ އިދާރާގެ ގުޅުމުގެ ރަމްޒެއްގެ ގޮތުން، ހަނދާނީ ފިލާ ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ