ކ.އަތޮޅު ފިޔަވައި ރިސޯޓް ކުލި އެންމެގިނައިން ދައްކަނީ ރ އަތޮޅުން

ކ.އަތޮޅު ފިޔަވައި ރިސޯޓް ކުލި އެންމެ ގިނައިން ދައްކާ އަތޮޅަކަށް ރ.އަތޮޅު ވެއްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓަށް ބަލާއިރު، ރިސޯޓްތަކުގެ ކުލިން 1.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 118.9 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީރާގެ ރިޕޯޓަށް ބަލާއިރު 2023 ވަނަ އަހަރު ރިސޯޓް ކުލީގެ ގޮތުގައި ލިބިފައިވަނީ، 1.7 ބިލިއަން ރުފިޔާއެވެ.
މީރާގެ މި ރިޕޯޓަށް ބަލާއިރު ކ.އަތޮޅު ފިޔަވައި ރިސޯޓް ކުލީގެ ގޮތުގައި އެންމެގިނަ ފައިސާ ދައުލަތުގެ ބައިތުލްމާލަށް ލިބެނީ ރ.ބ.ނ.އދ އަދި ޅ އަތޮޅުންނާއި ދ އަތޮޅުންނެވެ.
1. ކ.އަތޮޅުން: 554.19 މިލިއަން ރުފިޔާ
2. ރ.އަތޮޅުން: 215.8 މިލިއަން ރުފިޔާ
3. ބ.އަތޮޅުން: 184.31 މިލިއަން ރުފިޔުާ
4. ނ.އަތޮޅުން: 139.64 މިލިއަން ރުފިޔާ
5. ދ.އަތޮޅުން: 125.34 މިލިއަން ރުފިޔާ
6. އދ.އަތޮޅުން: 118.08 މިލިއަން ރުފިޔާ
ބޭރުފައިސާއިން ބަލާނަމަ 2024 ވަނަ އަހަރު ރިސޯޓް ކުލީގެ ގޮތުގައި 115.01 މިލިއަން ޑޮލަރު ވަނީ ބަލައިގަނެފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު، 6.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ އަންދާޒާކުރި އަދަދަށްވުރެ 7.4 އިންސައްތަ އިތުރު އަދަދެކެވެ. 
ރިސޯޓް ބިމުކުލީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް އެންމެގިނައިން ޓެކްސް ދައްކަމުން އަންނަ އެއް އަތޮޅަކީވެސް ރ.އަތޮޅުކަން ފާހަގަކޮށްލެވެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރ އަތޮޅުގައި ގިނަ އަދަދެއްގެ ރިސޯޓްތައް ހުޅުވާފައިވާއިރު، މީގެ ކުރިން ކ.އަތޮޅު ފިޔަވައި އެންމެ ގިނައިން ރިސޯޓް އޮންނަނީ ބ.އަތޮޅުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ