މުޢިއްޒު ހުވާކުރުން މިއަދު ހަވީރު، އައު ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން މިރޭ

މިއަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޤާނޫނީ ހުވައި ކުރެއްވުން މިއަދު ހަވީރު ބާއްވަން ނިންމާފައިވާއިރު، އައު ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޢައްޔަނު ކުރެއްވުމާއި ހުވާކުރެއްވުން މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުވާކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ތާވަލުކޮށްފައި ވަނީ މިއަދު ހަވީރު 16:45 އަށެވެ. އެއީ ރައްޔިތުންގެ މަޖިލިސްގެ މިއަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާ އެވެ.
މި ޖަލްސާ ބާއްވަން ނިންމާފައި ވަނީ މާލޭގެ ޖުމްހޫރީ މައިދާނުގައެވެ. މި ޖަލްސާ އޮންނަ ވަގުތު ހުވާކުރުމުގެ ރަސްމިއްޔާތުގައި 3500 އެއްހާ މީހުން ބައިވެރިވާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ވިދާޅުވެފަ ވެއެވެ.
ހުވާކުރެއްވުމުގެ ޖަލްސާގައި އައު ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ޤާނޫނީ ހުވައި ކުރެއްވުމަށްފަހު، ތަޤްރީރު ކުރައްވާނެއެވެ.
އައު ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަޤާމުގެ ޤާނޫނީ ހުވައި ކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައި ވަނީ މިރޭ 7:45 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަގާމުތަކަށް ޢައްޔަނު ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުން ވެސް މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ވަނީ މިއަދު ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ