މައުމޫން ފެކްޝަނުން ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ސަސްޕެންޑްކޮށްފި
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރާ ކައުންސިލުން އެޕާޓީގެ ސުލޫކީ ކޮމެޓީ ސަސްޕެންޑް ކޮށްފިއެވެ. ރައީސް މައުމޫނަށް ތާއީދުކުރައްވާ ފެކްޝަނުން ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ސަސްޕެންޑް ކޮށްފައިވާއިރު އެކޮމެޓީގެ މެޖޯރިޓީ އޮންނަނީ ރައީސް ޔާމީނަށެވެ. ޕީޕީއެމްގެ މަޖިލިސް ދެ މެމްބަރުން ކަމަށްވާ އިބްރާހިމް ސުޖާއު އާއި މުހައްމަދު ވަހީދުގެ މައްސަލައެއް ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައިވާއިރު ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޖާއު ވިދާޅުވީ، ސުލޫކީ ކޮމެޓީން އުސޫލްތަކާ ޚިލާފަށް އަމަލު ކުރަމުންދާތީ އެކޮމެޓީ ސަސްޕެންޑުކޮށް ވަގުތީ ކޮމެޓީއެއް އެކުލަވައިލާން ނިންމާފައިވާ ކަމަށެވެ. "ސުލޫކީ ކޮމެޓީ ސަސްޕެންޑް ކުރަން ނިންމައި ވަގުތީ ފަސް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާމުގެ ބާރު ޕާޓީގެ ރައީސަށް ދިނުމަށް ކައުންސިލުން ވަނީ ނިންމާފަ،" ސުޖާއު ވިދާޅުވިއެވެ. ސުޖާއު ވިދާޅުވީ، އެޕާޓީގެ ސުލޫކީ ކޮމެޓީ މަސައްކަތް ކުރަމުންދަނީ ހައިރާންކުރުވަނިވި ގޮތަކަށް ކަމަށެވެ. ޕީޕީއެމް އޮފީހުން ހަތް މައްސަލައެއް ހުށަހަޅާފައި ވާތާ ތިން މަސްވީއިރުވެސް އެކަންކަން ނިންމިގޮތް ޕީޕީއެމް އޮފީހަށް ނާންގާ ކަމަށެވެ. މިއަދު ކައުންސިލް ބައްދަލުވުމުގައި ޕީޕީއެމްގެ އިންތިހާބު ކޮމެޓީއަށް އަލީ ޔޫސުފް އާއި ސަމްސިއްޔާ އުމަރު ވަނީ ހަމަޖައްސައިފައެވެ. ޕީޕީއެމްގެ ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން އެޕާޓީގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލެއިން ހުސްބިމެއް، ހައުސިން މިނިސްޓްރީން ދޭނެކަމަށް ނުބެލެވޭތީ ދެން އެޖަލްސާ ބާއްވާނީ މިމަހު 27 ވަނަ ދުވަހު ރައީސް މައުމޫންގެ އަނބިކަނބަލުންގެ އާއިލާގެ ގެެކޮޅެއްކަމަށްވާ އެންދެރިމާގޭގައި ކަމަށް ވެސް ސުޖާއު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ