ޔާމީނާ ދެކޮޅަށް ޖޫރިމަނާ ފައިސާ ހޯދުމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް އިއްވާފައިވާ ހުކުމާއެކު ދައްކަން ހުކުމްކޮށްފައިވާ ފަސް މިލިއަން ޑޮލަރު -- 77 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ މައްސަލަ ހައި ކޯޓުގައި އޮތުމުން ޖޫރިމަނާ ތަންފީޒުކުރުން މަޑުޖައްސާލަން ހައި ކޯޓުން ކުރިން އޮތީ އަންގައިފަ އެވެ.ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ޖޫރިމަނާގެ ފައިސާ ހޯދުމުގެ މައްސަލަ މަޑުޖައްސާލަން ހައި ކޯޓުން އަންގާފައިވާތީ އެ މައްސަލަ މިވަގުތު ސިވިލް ކޯޓުގައި ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމާއި ޖޫރިމަނާގެ މައްސަލަ އިސްތިއުނާފުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިމުމަކާ ގާތަށް ވަނީ އައިސްފައެވެ.ޖަލު ހުކުމް ތަންފީޒްކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ސިއްހީ ސަބަބުތަކަށްޓަކައި ގެއަށް ބަދަލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ