އޭސީސީން އޮޅުގިރި "ހިފެހެއްޓީ" ނުސީދާ މަގަކުން ކަމެއް ހާސިލްވޭތޯ: ޕޮޮޕިއުލާ މޯލްޑިވްސް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ޕޮޕިއުލާ މޯލްޑިވްސް ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ ކުންފުނިން އެ ކޮމިޝަނަށް ބޮޑު ތުހުމަތެއް ކޮށްފި އެވެ.
ޕޮޕިއުލާ މޯލްޑިވްސް އިން މިއަދު ނެރުނު ދިފާއީ ބަޔާނުގައި ބުނީ އެމްއެމްޕީއާރްސީން ވިއްކި ރަށްތަކުގެ ތެރެއިން އޭސީސީން މަސައްކަތް ހުއްޓުވި، ގާތްގަނޑަކަށް ހުރިހާ ރަށެއް ވަނީ ތަރައްގީކުރަން ދޫކޮށްފައި ކަމަށާއި އޭގެ ތެރެއިން ގިނަ ރަށްތައް މިހާރު ހިންގަން ވެސް ފަށާފައިވާ ކަމަށެވެ.
ނަމަވެސް މައްސަލަ ބަލަން ފެށިތާ ހަތް އަހަރު ވީއިރު ވެސް ތ. އޮޅުގިރި ދޫކޮށްނުލާ ކަަމަށާއި އެ ރަށް ތަރައްގީ ނުކުރެވި އޮތީ ބަލަމުންދާ މައްސަލައެއް އޮތް ކަމަށް ބުނެ އޭސީސީން އިންވެސްޓަރުންނަށް ބިރުދައްކަމުންދާތީ ކަމަށް ވެސް ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުނީގެ ބަޔާނުގައި ވެ އެވެ. 
"...އޭސީސީން ހަތް އަހަރު ވަންދެން މިރަށް ހިފަހައްޓާފައި ވަނީ ނުސީދާ މަގަކުން ކަމެއް ހާސިލުވޭތޯ އެވެ. ނަމަވެސް މި ރަށަކީ ހައްގު ގޮތުގައި އަގު ދައްކާފައިވާ ރަށަކަށް ވާތީ މި ކުންފުނިން ނިންމީ ހައްގު ހޯދަން ޝަރީއަތަށް ދިއުމަށެވެެ،" ޕޮޕިއުލާ މޯލްޑިވްސްގެ ބަޔާނުގައި ބުންޏެވެ. 
ރިޔާޒް ރަޝީދުގެ ދެ ކުދިން ކަމަށްވާ ރީޝަމް ރިޔާޒާއި ރައުޝަމް ރިޔާޒުގެ ހިއްސާ އޮންނަ ޕޮޕިއުލާ މޯލްޑިވްސް އިން ތުހުމަތުކުރި ގޮތުގައި އޭސީސީން އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކޮށްދޭން އެެދި ޕީޖީ އޮފީހަށް ފޮނުވީ އޮޅުގިރި ދޫނުކޮށްގެން އެ މައްސަލާގައި ކޯޓަށް ދިއުމުން އެ ކޮމިޝަނުން ޖަވާބުދާރީވާން ކޯޓުން އަމުރު ކުރުމުންނެވެ. އޭސީސީގެ ކިބައިގައި އިހުލާސްތެރިކަމެއް ހުރި ނަމަ  ހަތް އަހަރު ވަންދެން މައްސަލައއް ނުނިންމައި ހިފަހައްޓައިގެން ތިބެން ނުޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އޭސީސީން މިއަދު ބުނި ގޮތުގައި ފެބްރުއަރީ 2014 އިން އޮކްޓޫބަރު 2015 ގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވެ އެވެ. 
އެގޮތުން ޖުލައި 13، 2015 ގައި އެސްއޯއެފްގެ ޗެކެއް މެދުވެރިކޮށް 150,000 އެމެރިކާ ޑޮލަރު ޕޮޕިއުލާ މޯލްޑިވްސްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް އޭސީސީން ބުންޏެވެ. އެއީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. 
އެ ކޮމިޝަނުން ބުނި ގޮތުގައި މި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްގުތައް ސިއްރު ކުރުމަށާއި ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލާ މޯލްޑިވްސް އިން މަސައްކަތް ކޮށްފައިވެ އެވެ.
އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ވެސް އޭސީސީގެ ތަހުގީގަށް ވަނީ ހޯދިފަ އެވެ. އޮޅުގިރި ކުއްޔަށް ދިނުމާގުޅޭ ގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގައި އެ ރަށުގައި ރިސޯޓެއް ހަދައި، ތަރައްގީ ކުރަން ވާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެ ކަންތައްތައް ފުރިހަމަ ކޮށްފައި ނުވާ ނަމަ ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިހުތިޔާރާއި އެއްބަސްވުން ބާތިލު ކުރުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީ އަށް ދީފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ.
The most trusted news source in the Maldives
ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާ ކަމަށް އޭސީސީން ބުންޏެވެ.
މަނީ ލޯންޑްރިންގެ ދައުވާ އުފުލުމާ އެކު، ޕޮޕިއުލާ މޯލްޑިވްސް އިން ހޯދާފައިވާ 150,000 އެމެރިކާ ޑޮލަރު އެ ދައުވާގެ ތެރެއިން ހޯދުމަށް އޭސީސީން ޕީޖީގައި އެދިފައިވެ އެވެ. އަދި އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވަން ވެސް އޭސީސީން ނިންމާފައިވެ އެވެ. 
މި މައްސަލައިގެ އިތުރުން ވެސް އެމްއެމްޕީއާރުސީއާ ގުޅޭ ގިނަ ސީރިއަސް މައްސަލަތަކެއްގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ އެކު ކޮމިޝަނުން މަޝްވަރާ ކުރަމުންގެންދާ ކަމަށް އޭސީސީން ބުންޏެވެ. އޭގެ ތަފްސީލެއް ކޮމިޝަނުން ނުދެ އެވެ. 
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީން ފަށާފައިވާ ތަހުގީގަކަށް ފަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ނުއަގުގައި ވިއްކައިގެން ދައުލަތަށް 1.4 ބިލިއަން ރުފިޔާ ގެއްލިފައިވެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ، އެ ބޭނުންކުރި ފަރާތްތައް ހެއްކާއި ގަރީނާ އެކު ޝައްކެއް ނެތް މިންވަރަށް ހޯދިފައިވާ ކަމަށް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހާމަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ