އެމިރޭޓްސް ގްރޫޕްގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 20 ހަފްތާގެ މުސާރަ ދެނީ
އެމިރޭޓްސް ގްރޫޕުން އެ ކުންފުނީގެ މުވައްޒަފުންނަށް 20 ހަފްތާގެ މުސާރަ ބޯނަސްގެ ގޮތުގައި އެއްފަހަރާ ދޭނެކަން އިއުލާނުކޮށްފިއެވެ. އެގޮތަށް ނިންމީ 2025-2026 ގެ މާލީ އަހަރު ރެކޯޑް އަދަދަކަށް އެ ކުންފުންޏަށް ފައިދާ ވުމާ ގުޅިގެންނެވެ. މެދުއިރުމަތީގައި މިހާރު އޮތް ހަނގުރާމައިގެ ހާލަތުގެ ސަބަބުން ވައިގެ ދަތުރުފަތުރުތަކަށް ބުރޫ އަރާފައި އޮތް ނަމަވެސް ދުބާއީގެ ފްލެގްޝިޕް އެއާލައިނަށް ވަނީ ރެކޯޑު އަދަކަށް އާމްދަނީ ލިބިފައެވެ. އެމިރޭޓްސް އެއާލައިނާއި އޭވިއޭޝަން ސާވިސަސް އަމް ޑީއެންއޭޓާ އެކު ކާގޯ، ކެޓަރިން، ޓްރެވަލް، އަދި ރީޓެއިލް އޮޕަރޭޝަންތައް ހިމެނޭ ސަބްސިޑަރީ ކުންފުނިތަކުގެ މައްޗަށް އެކުލެވޭ އެމިރޭޓްސް ގްރޫޕަށް ލިބުނު އާމްދަނީ ވަނީ 150.5 ބިލިއަން ދިރްހަމަށް އަރާފައެވެ. މުވައްޒަފުން ކުރާ ބުރަ މަސައްކަތް ބަލައިގަނެ އެކަމަށް ޝުކުރު އަދާކޮށް އެމިރޭޓްސް އެއާލައިން އެންޑް ގްރޫޕްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް ޝެއިޚް އަހުމަދު ބިން ސައީދު އަލް މަކްތޫމް ވަނީ މުވައްޒަފުންނަށް ލިޔުމެއް ފޮނުވާފައެވެ. ކޮވިޑް-19 އަށް ފަހު ވަރުގަދަ ކުރިއެރުމެއް ހޯދަމުން ދިޔަ އެމިރޭޓްސް ގްރޫޕަށް ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުންނެވެ. ހަނގުރާމައިގެ ސަބަބުން ދިމާވި ދަތިތައް ކޮންމެވެސް ވަރަކަށް ހައްލު ލިބި ދަތުރުތައް ވެސް އަންނަނީ މަޑުމަޑުން އިތުރު ކުރަމުންނެވެ. ދުބާއީގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެއް ކުންފުނި ކަމަށްވާ އެމިރޭޓްސް ގްރޫޕްގެ މުވައްޒަފުންގެ އަދަދު އަށް ޕަސަންޓަށް އިތުރުވެ، 130،919 މުވައްޒަފުން އަންނަނީ އެ ގްރޫޕްގައި ވަޒީފާ އަދާކުރަމުންނެވެ. މިދިޔަ އަހަރު އެމިރޭޓްސް ގްރޫޕުން ވަނީ ވަޒީފާއަށް އެދި ހުށަހެޅި 3.5 މިލިއަން އެޕްލިކޭޝަންގެ ތެރެއިން 390،000 ކެންޑިޑޭޓުން ޝޯޓްލިސްޓްކޮށް، ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީގައި މަސައްކަތް ކުރުމަށް 9،700 އަށް ވުރެ ގިނަ މީހުން ނަގާފައެވެ. އެ ގްރޫޕްގެ ކުރިއެރުމަކީ ދުބާއީގެ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޮކްސްޕޯޑު އިކޮނޮމިކްސް އިން 2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ