ރާއްޖެއިން މިހާރު ތެޔޮ ގަންނަނީ ކޮން ގައުމުތަކަކުން؟

ޗައިނާއިން ރާއްޖެއަށް ތެޔޮ ބޭރުކުރަން އެ ގައުމުގެ ކުންފުނިތަކަށް ހުއްދަ ދީފައިވާކަން ރޮއިޓާސްއިން ދާދި ފަހުން ވަނީ ހާމަކޮށްފަ އެވެ. އީރާން ހަނގުރާމައިގެ ސަބަބުން ތެލުގެ ތާށިކަމެއް އަތުވެދާނެތީ އިންޑިއާއިިން ތެޔޮ ގަތުމަށް ވެސް ރާއްޖެއިން މަޝްވަރާކުރިކަން އެ ގައުމުގެ ހާރިޖިއްޔާއިން ވަނީ ހާމަކޮށްފަ އެވެ. 
މިހާރު ރާއްޖެއިން ތެޔޮ އެތެރެކުރަނީ ކޮން ގައުމުތަކަކުން ހެއްޔެވެ؟ 
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ތެލުގެ ސަޕްލައި މައިގަނޑު ގޮތެއްގައި ބަރޯސާވެފައި އޮތީ އެންމެ ގައުމަކަށެވެ. އެއީ އޮމާން އަށެވެ. 
ކަސްޓަމްސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ އަދި ފެބުރުއަރީގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރީ ޑީސަލް އެވެ. މިއީ މުޅި ތެލުގެ އިމްޕޯޓުގެ %76.6 އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން:
126،766 ޓަނުގެ ޑީސަލް އެތެރެކޮށްފައިވާއިރު، މީގެ އަގު 1.34 ބިލިއަން ރުފިޔާ
ޑީސަލްއަކީ ރާއްޖޭގެ ރަށްރަށުގައި ކަރަންޓު އުފެއްދުމަށާއި ކަނޑުދަތުރުފަތުރުގެ ނިޒާމު ހިންގުމަށް އެންމެ މުހިންމު ވަސީލަތެވެ.
އޮމާން: 83،986 ޓަނު (ޖުމްލަ ޑީސަލްގެ ތިންބައިކުޅަ ދެބައި)
މެލޭޝިއާ: 23،021 ޓަނު
ޔޫއޭއީ: 12،060 ޓަނު
ސިންގަޕޫރު: 7،700 ޓަނު
ދެވަނައަށް އެންމެ ގިނައިން އެތެރެކުރާ ޕެޓްރޯލް، މުޅި އިމްޕޯޓުގެ %14.8 ހިއްސާކުރާއިރު، 24،476 ޓަނުގެ ޕެޓްރޯލް އެތެރެކުރަން ވަނީ 261 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެގޮތުން:
ޕެޓްރޯލްގެ ވެސް %60.8 އެތެރެކުރަނީ އޮމާނުން
ދެން އެންމެ ގިނައިން ޕެޓްރޯލް ގެންނަނީ ސިންގަޕޫރު، މެލޭޝިއާ އަދި ޔޫއޭއީން
ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާވެފައި އޮތް ނަމަވެސް، ޖެޓް ފިއުލްގެ ގޮތުގައި އެތެރެކޮށްފައިވަނީ 14،350 ޓަނެވެ. މިއީ މުޅި ތެލުގެ އިމްޕޯޓުގެ %8.7 އެވެ. އެގޮތުން، 160 މިލިއަން ރުފިޔާގެ ޖެޓް ފިއުލް އެތެރެކޮށްފައިވާއިރު، މީގެ ބޮޑު ބައެއް ކަމަށްވާ %98.3 ގެނެސްފައިވަނީ އޮމާނުންނެވެ.
މެލޭޝިއާއިން ގެނެސްފައިވަނީ އެންމެ 246 ޓަނެވެ.
އާންމުކޮށް ބޭނުންކުރާ ތެލުގެ އިތުރުން، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގައި ބޯޓުފަހަރަށް ތެޔޮ އެޅުމަށް (ބަންކަރިންއަށް) ބޭނުންކުރާ 'ވެރީ ލޯ ސަލްފާ ފިއުލް އޮއިލް' (ވީއެލްއެސްއެފްއޯ) ވެސް ރާއްޖެއަށް ވަނީ އެތެރެކޮށްފަ އެވެ. އެގޮތުން:
ޖުމްލަ 140 މިލިއަން ރުފިޔާ ހޭދަކޮށްގެން އެތެރެކުރި މި ތެޔޮ މައިގަނޑު ގޮތެއްގައި ގެނެސްފައިވަނީ ދެ ގައުމަކުން 
އެއީ ޕާކިސްތާނުން 8،055 ޓަނު އަދި ޔޫއޭއީން 8،039 ޓަނު
މި ތަފާސްހިސާބުތަކުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމުގައި އޮމާންގެ ބޮޑު ހިއްސާ އެވެ. މައިގަނޑު ތިން ބާވަތުގެ ތެޔޮ އެންމެ ގިނައިން ގެންނަނީ އެ ގައުމުންނެވެ. މީގެ އިތުރުން:
މެލޭޝިއާ، ޔޫއޭއީ އަދި ސިންގަޕޫރު ހިމެނޭހެން، ރާއްޖޭގެ ތެލުގެ ސަޕްލައި ޗެއިން މުޅިން ކަހަލަ ގޮތަކަށް ބިނާވެފައި އޮތީ މި ހަތަރު ގައުމުގެ މައްޗަށް
މިއީ ސަރަހައްދީ ރިފައިނަރީތަކާއި ވިޔަފާރީގެ ހަބުތައް މެދުވެރިކޮށް ރާއްޖެއިން ވަރަށް ރޭވުންތެރިކަމާ އެކު މެނޭޖުކުރަމުން އަންނަ ސަޕްލައި ޗެއިނެއް ކަމަށް ބުނެވިދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ