ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދާ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީން ބުނެފައިވަނީ ގުރައިދޫ ދާއިރާ ބައި އިލެކްޝަންގެ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުން މާލެއާއި އެދާއިރާގެ ރަށްރަށުގައި ފެށިގެން ކުރިއަށްދާ ކަމަށެވެ.
ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިއަދުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
މި ޕްރައިމަރީގައި ހަތަރު ކެނޑިޑޭޓަކު ވާދަކުރެއެވެ. އެއީ މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި، ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި، އިބްރާހިމް ޝާޒް – ފައިވްރޯޒް / ކ ގުރައިދޫ އަދި އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ އެވެ.
އެމްޑީޕީގް މި ޕްރައިމަރީގެ ވޯޓުލުމަށް ކ ގުޅި ސްކޫލުގައި ވޯޓު ފޮއްޓެއް، ކ މާފުށި ސްކޫލުގައި ވޯޓު ފޮއްޓެއް، ކ ގުރައިދޫ ޒުވާނުންގެ މަރުކަޒުގައި ވޯޓު ފޮއްޓެއް އަދި މާލޭގައި އެމް.ޑީ.ޕީ މައި ހަރުގޭގައި ވޯޓު ފޮއްޓެއް ބެހެއްޓިފައިވެއެވެ.
މި އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަނީ ގުރައިދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ގައެވެ.
މި އިންތިހާބު ބާއްވަން ޖެހުނީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ