މުސާރަ ނުދޭތީ މަކުނުދޫ ސްކޫލް މަލްޓި ޕާޕަސް ހޯލު އިމާރަތްކުރާ މުވައްޒަފުން މުޒާހަރާއަށް!

ހދ.މަކުނުދޫ ސްކޫލް މަލްޓި ޕާޕަސް ހޯލު އިމާރާތްކުރަމުންދާ މުވައްޒަފުންނަށް މުސާރަ ނުދޭތާ ތިން މަސް ހަމަވުމުން ކައުންސިލް އިދާރާ ކުރި މައްޗަށް އެއްވެ މުޒާހަރާ ކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން މަކުނުދޫއިން މައުލޫމާތު ދިން ފަރާތުން "ދިޔަރެސް"އަށް ބުނީ ސަރުކާރުން މަކުނޫދޫގައި ހިންގާ މަކުނުދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ކުރާ ބޭރު މީހުންތައް އެ މީހުންނަށް ތިން މަސް ދުވަހުގެ މުސާރަ ނުދީގެން މިއަދު ކައުންސިލް އިދާރާއަށް މުޒާހަރާއަށް ގޮސްފައިވާކަމަށެވެ.
"2022 ވަނަ އަހަރު މެއި މަހުގައި ސޮއި ކޮށްފައި އޮތް ޕްރޮޖެކްޓެއް އެއީ، މި އަހަރުގެ މެއި މަހަށް ހަމަވީ، މުއްދަތު ހަމަވީ އިރު އަދި ފައުންޑެޝަން އެކަނި އަޅާލެވުނީ" އެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
މި ނޫހަށް މައުލޫމާތު ދިން ފަރާތުންބުނީ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ކުރާ މުވައްޒަފުން ކައުންސިލް އިދާރާއަށް ގޮސް އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާކަމަށާއި މަސައްކަތް ނުކުރާ ނަމަ މާލޭ ކޮޅަށް ދިއުމަށް މައި ކުންފުނިން މުވައްޒަފުންނަށް އަންގާފައިވާކަމަށެވެ.
"ކޮމްޕެނީއިން މުވައްޒަފުން ކައިރީ ބުނަނީ ތިމަންނަމެންނަށް މުސާރަ ދެވޭނީ މިނިސްޓްރީން ލާރި ދިނީމައޭ، މި އަހަރު ކުރީ ކޮޅު ލާރި ހޯދުމަށް މިނިސްޓްރީގައި އާދޭސް ކުރުމުންވެސް މިއަދާ ހަމައަށްވެސް ލާރި ނުލިބޭކަމަށް އެ ކުންފުނިން ބުނަނީ" އޭނާ ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މަކުނޫ ކައުންސިލް މެންބަރަކު "ދިޔަރެސް"އަށް ވިދާޅުވީ ކައުންސިލުން އެ މައްސަލަ މިނިސްޓްރީއާ ހަމައަށް ގެންދާނެކަމަށާއި މައްސަލައިގެ ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށެވެ.
ހދ.މަކުނުދޫ ސްކޫލް މަލްޓި ޕާޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެއިއެމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ އެވެ.
12،008،846.18 ރުފިޔާއަށް 2022 ވަނަ އަހަރުގެ އޭޕްރިލް މަހު އެ މަސައްކަތް އެ ކުންފުންނާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ