މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވި ރާއްޖޭގެ ވެރިކަން ލިބިއްޖެ ނަމަ، ވެރިކަމުގެ ދައުރުގެ ތެރޭގައި ރާއްޖޭގައި 100 މިލިއަނަރުން އުފައްދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެވެ.
ގާސިމް މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެމަނިކުފާނަށް ރިޔާސީ ޓިކެޓް އެރުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެޖަލްސާގައި އެމަނިކުފާނުގެ ރިޔާސީ ބައެއް ވައުދުތައް ހާމަކުރައްވަމުން ގާސިމް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް 5 އަހަރުގެ ތެރޭގައި ތިން ބިލިއަން ރުފިޔާ ހޭދަކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި މަދުވެގެން 500 "ސްމޯލް ބިޒްނަސް ލީޑަރުން" އުފައްދާނެ ކަމަށެވެ.
އަދި ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި 100 މިލިއަނަރުން އުފައްދާނެ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ މެނިފެސްޓޯ ހާމަކުރައްވަމުން ގާސިމް ވަނީ ރާއްޖެއާއި ދިވެހިންގެ ކުރިއެރުމަށް އެތަކެއް ކަމެއް ކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހާމަކުރައްވާކަން އިއުލާނުކުރައްވާފައެވެ.
ގާސިމް އިބްރާހިމްގެ އިތުރުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ، އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމްގެ އިތުރުން އުމަރު ނަސީރެވެ.
އަދި އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ކުރިމަތި ލައްވާނެ ކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް، ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި މިވަގުތު ހުރުމުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތު ވަނީ ގެއްލިފައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
ރާއްޖޭގައި 100 މިލިއަނަރުންނާއި، 500 "ސްމޯލް ބިޒްނަސް ލީޑަރުން" އުފައްދާނަން – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ