ސިނަމާލެ ބްރިޖަކީ ރައީސް ޔާމީން އެޅުއްވި ބްރިޖެއް ނޫން: ދޮންބިލަތް

މާލެ ހުޅުމާލެ ގުޅާލާ ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެޅުއްވި ބްރިޖެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދޮންބިލަތް ވިދާޅުވީ މި ރާއްޖޭގައި ތަރައްގީގެ މަސައްކަތްތައް ކޮށްދިނީ 2018 ގެ ފަހުން އުފެދުނު އެމްޑީޕީގެ ސަރުކާރަކުން އެކަނި ނޫން ކަމަށެވެ.
އެފަދައިން ވިދާޅުވެ ދޮންބިލަތް ވަނީ ސިލަމާލެ ބްރިޖަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އެޅި ބްރިޖެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވާފައެވެ.
"ކަންކަން ކޮށްދީފައި އެބަ އޮތް 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުންވެސް، މިއޮއް ބްރިޖް، ޕީޕީއެމް ބޭފުޅުން ވިދާޅުވެދާނެ އެއީ ރައީސް ޔާމީން އެޅުއްވި ބްރިޖެކޭ ނޫން، އެއީވެސް އެމްޑީޕީ މިތަނަށް އައިސް ސިޔާސީ އިސްލާހާއެކީ އުފެދުނު ޕާޓީގެ ނިޒާމުން މި ރާއްޖެއަށް ގެނެވުނު ބަދަލުގެ ތެރެއިން އެޅުނު ބްރިޖެއް" ދޮންބިލަތް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިނަމާލެ ބްރިޖަކީ ރައީސް ޔާމީންގެ މޮޅުކަމުން އެޅުނު ބްރިޖެއް ނޫންކަމަށާއި އެއީ އެމްޑީޕީން މަގުމައްޗަށް ނިކުމެ ކުރެވުނު މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި މިއަދު ރާއްޖެއަށް ގެނެވިފައިވާ ތަރައްގީގެ ބަދަލަކީ އެމްޑީޕީ އިސްވެ އޮވެ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ނިކުމެ ކުރެވުނު މަސައްކަތުން އަންނަން ފެށި ބަދަލުތަކެއްކަމަށްވެސް ދޮންބިލަތް ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖު މަސައްކަތަކީ އެމްޑީޕީން ކުރި މަސައްކަތެއްކަމަށް ދޭހަވާ ގޮތަށް ދޮންބިލަތް ވާހަކަ ދައްކަވާފައިވާއިރު މާލެ-ހުޅުމާލެ ބްރިޖުގެ މަސައްކަތް ފައްޓަވާ އަދި ނިންމެވީވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ.
އަދި އޭރު ރައީސް ނަޝީދާއި އެމްޑީޕީން ބްރިޖު އެޅުމާއި ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތުކުރިއެވެ. މިގޮތުން ކޮންކްރިޓު ތަރައްގީއަކީ ރާއްޖެއަށް މުހިންމު އެއްޗެއް ނޫންކަމަށާއި އެނޫން އެހެން ކަންކަންވެސް ކުރަން އެބަހުރިކަމަށް އޭރު އެމްޑީޕީއިން ބުނަމުން ގެންދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ