ރައީސަކީ ކޮން ބޭފުޅެއްކަން ކަށަވަރުކުރަން އިދިކޮޅުން ސުޕްރީމް ކޯޓަށް

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި މިހާރު ހުންނެވީ ކޮން ބޭފުޅެއްކަން ކަށަވަރުކުރުމަށް އިދިކޮޅު ޕްރޮގްރެސިވް/ ކޮންގުރެސް ކޯލިޝަނުގެ ފަރާތުން މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސިންގަޕޫރުގައި ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަކަށް އެމަނިކުފާނު ހޭނައްތަންޖެހުމާ ގުޅިގެން ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގަތުމަށް ނައިބުރައީސް ފައިސަލް ނަސީމް ހުވައިކުރެއްވުމާ ގުޅިގެން އިދިކޮޅުން ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިދިކޮޅު އިއްތިހާދުގެ ޤާނޫނީ ވަކީލުން ވިދާޅުވެފައިވަނީ އެ މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓަށް އަސްލީ އިޚުތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލަތަކުގެ ހުރިހާ ސިފައެއް ފުރިހަމަވާ ގޮތަށް ޤާނޫނީ ހުއްޖަތު ޤާއިމުކުރުމަށް ފަހުގައި ކަމަށެވެ.
ނައިބުރައީސަކީ ރައީސުލްޖުމްހޫރިއްޔާއަށް ވަގުތީ ގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ހާލަތުގައި އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ހުވައިކުރައްވައިގެން ހުންނެވި ބޭފުޅަކަށްވާތީ ނައިބުރައީސް އެފަދަ ހާލަތުގައި ވަކި ހުވައެއް ކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް އިދިކޮޅުގެ ވަކީލުން ވިދާޅުވެއެވެ.
އަދި ނައިބުރައީސް ރައީސުލްޖުމްހޫރިއްޔާގެ ހުވައިކުރައްވަންޖެހޭނެ ހަމައެކަނި ހާލަތެއްކަމަށް ޤާނޫނު އަސާސީ ތަސައްވުރުކުރާ ހާލަތަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ހުސްވާ ހާލަތުކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ. އެހެންކަމުން ނައިބުރައީސް ރައީސުލްޖުމްހޫރިއްޔާގެ ހުވައިކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ނައިބުރައީސް އައްޔަންވީކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.
ވަކީލުން އިތުރަށް ވިދާޅުވީ މި މައްސަލައަކީ ރާއްޖޭގެ އާންމު މަސްލަހަތާ ގުޅިފައިވާ މައްސަލައެއް ކަމަށާއި، ދިވެހިންނަށް ރައީސުލްޖުމްހޫރިއްޔާއަކީ ކާކުކަން އޮޅިފައިވާތީ ކަމަށެވެ. އަސްލަކީ އެންމެ ފަހުން ހުވައިކުރެއްވި ބޭފުޅަކު ރައީސްކަމަށް ބެލުންކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.
އިދިކޮޅުގެ ވަކީލުން ވިދާޅުވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާއަކީ ފައިސަލް ނަސީމުކަމަށް ދެކެވަޑައިގަންނަވާނެ ކަމަށެވެ. އަދި މި މައްސަލާގައި ފައިސަލް ނަސީމް ކުރައްވާފައިވާ ހުވައަކީ ސީދާ ޤާނޫނު އަސާސީ ޚިލާފު ހުވައެއްކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.
މިފަދަ މައްސަލައެއްގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ފިލުވައިދިނުމާއި ހުވައިކުރުމާ ގުޅޭ މާއްދާ މާނަކޮށްދިނުމަކީ ސުޕްރީމް ކޯޓުން ކޮށްދޭންޖެހޭނެ ކަމެއްކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ