ޔާމީންގެ ކެންޑިޑެންސީ މައްސަލައަށް ކޯޓުން ދައުލަތް ވައްދައިފި
ސުޕްރީމް ކޯޓަށް ވައްދާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލަައަށް އެ ކޯޓުން ދައުލަތް ތަދައްޚުލު ކުރުވައިފިއެވެ. އޭޖީ އޮފީހުން މިއަދު ބުނީ ކޯޓުން ދައުލަތް މައްސަލައިގެ ތެރެއަށް ވެއްދުމުން، ބަންޑާރަ ނާއިބުގެ ފަރާތުން އެ މައްސަލައިގައި ކޯޓަށް ހާޒިރުވުމަށް ނިންމާފައިވާ ކަމަށެވެ. މާދަމާ މެންދުރުފަހު 02:30އަށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވާއިރު، ރައީސް ޔާމީން ނިސްބަތްވެ ވަޑައިގަންނަވާ، ޕީޕީއެމްގެ ފަރާތުން ވެސް އެ މައްސަލައަށް ވަނީ ތަދައްޚުލު ވެފައެވެ. ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ޖަލުގައި އޮންނަވައިގެން ޔާމީން ވަނީ ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ. އަދި، ޕީޕީއެމުން އިއްޔެ ވަނީ އެ ފޯމު އީސީއާ ހަވާލުކޮށްފައެވެ. އެކަމަކު، އީސީން ނިންމީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާށެވެ. ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް އީސީން ނިންމާފައިވަނީ، ޔާމީން މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ ގައި ބަޔާންކުރާ ޝަރުތު ހަމަނުވާ ކަމަށެވެ. ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ, އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރުވެފައި ވުން ހިމެނެއެވެ. ނަމަވެސް މާއްދާ މާނަކުރުމާ މެދު ގާނޫނީ ބަހުސެއް އޮވެއެވެ. ޔާމީންގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ މާއްދާގައި ބުނާ ހުކުމަކީ އިސްތިއުނާފީ މަރުހަލާތައް ނިމި ކަނޑައެޅޭ ނިހާއީ ހުކުމެއް ގޮތުގައި މާނަކުރަން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިދާނެ ކަމަށް ދެކިއެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތް އިރު، ޔާމީނަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް އެ ޕާޓީން މިއަދު ވަނީ ރަސްމީ ކޮށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ