ޕާސްޕޯޓަށް އެދެވޭނެ މޮބައިލް އެޕްލިކޭޝަނެއް އަންނަ ހަފްތާގައި ލޯންޗުކުރަނީ

ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އިތުރު ކުރިއެރުންތަކާއި އެކު މޯލްޑިވްސް އިމިގްރޭޝަންގެ މޮބައިލް އެޕްލިކޭޝަން އަންނަ ހަފްތާގައި ލޯންޗްކުރަން ނިންމާފައިވާ ކަމަށް، އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް، ރިޓަޔަރޑް ޕޮލިސް ކޮމިޝަނަރ އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ ފަސީހު އެކަން ހާމަކުރެއްވީ، އިމިގްރޭޝަންގެ ތާރީހު ދައްކުވައިދޭ "އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ" މައުރަޒު ހުޅުވުމާއި، ޕާސްޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ވަސީލަތްތަކާއެކު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިމިގްރޭޝަންގެ ނިޒާމް 2.0 އަށް ބަދަލުކޮށް ހުރިހާ ސިސްޓަމެއް ޑިޖިޓަލައިޒްކޮށްފައިވާކަން ފާހަގަކުރައްވަމުން ފަސީހު ވިދާޅުވީ، އަންނަ ހަފްތާގައި އެޕް އަލުން ލޯންޗްކުރާއިރު މޮބައިލް އެޕުން ޕާސްޕޯޓަށް އެދުމުގެ ޚިދުމަތާއި، ފޮޓޯ ނެގުމާއި، ވިސާގެ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
"އިތުރު އެންހޭންސްމެންޓާއި އެކު މޮބައިލް އެޕް އަނެއްކާ ތައާރަފްކުރަނީ. މޮބައިލް އެޕުން ޕާސްޕޯޓަށް އެޕްލައި ކުރެވޭނެ. ވިސާވެސް ޗެކްކުރެވޭނެ. ހުރިހާ ޚިދުމަތެއް ލިބޭނެ،" އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވިއެވެ.
ފަސީހު އިތުރަށް ވިދާޅުވީ މިހާރު ރާއްޖެއަކީ އެންމެ އަވަހަށް ޕާސްޕޯޓް އިޝޫކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށާއި، މާލޭގައި ޕާސްޕޯޓްގެ ޚިދުމަތް އާ އުސްމިންތަކަކަށް ގެންދެވިފައިވާ ކަމަށެވެ. މީގެއިތުރުން، އަތޮޅުތެރޭގެ ރައްޔިތުން މާލެ އައިސް ކުރަންޖެހޭ ބޮޑު ޚަރަދުތައް ކުޑަކުރުމަށްޓަކައި، ރާއްޖޭގެ 38 ސްޓޭޝަނަކުން ޕާސްޕޯޓް ދޫކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ