ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ހޫނު ގަދަވުމުގެ ސަބަބުން އޮފީހަށް ދާއިރު ފިރިހެން މުވައްޒަފުން ސޫޓުގެ ބަދަލުގައި ޓީޝާޓާއި ސޯޓު ފަދަ ނުރަސްމީ ހެދުން ލުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބާރުއަޅާފަ އެވެ. ނަމަވެސް މިކަމުގެ ސަބަބުން އޮފީސްތަކުގެ އަންހެން މުވައްޒަފުންގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.
ޓޯކިޔޯގެ ގަވަރުނަރު ޔޫރީކޯ ކޮއިކޭ މިދިޔަ އޭޕްރީލް މަހު ތައާރަފްކުރެއްވި 'ޓޯކިޔޯ ކޫލް ބިޒް' ކެމްޕޭނުގެ ދަށުން، އޮފީހަށް ސޯޓު ލައިގެން ދިއުމުގެ ހުއްދަ ދިނުމާ އެކު، މިކަމާ މެދު ވަނީ ހިޔާލު ތަފާތުވެފަ އެވެ. ބައެއް ފިރިހެނުންނަށް މިއީ ވަރަށް ފަސޭހަ އަދި އަރާމު ބަދަލަކަށް ވިޔަސް، އަންހެނުންގެ ފަރާތުން އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.
އަންހެނުން ބުނާ ގޮތުގައި މިއީ އިންސާފުވެރި ގޮތެއް ނޫނެވެ. ސަބަބަކީ އަންހެނުން ފައި ފެންނަ ގޮތަށް ހެދުން ލާ ނަމަ، އަދިވެސް ޓައިޓް ލާން މަޖުބޫރުވާއިރު، ފިރިހެނުންނަށް މިނިވަންކަމާ އެކު ސޯޓު ލެވުމަކީ އިންސާފުގެ ހަމައިން ބޭރުވުން ކަމަށް ބުނެ އެވެ.
ބައެއް އަންހެނުން ވަނީ ފިރިހެނުންގެ ފައިގެ އިސްތަށިތައް ފެނުމުން އުނދަގޫވާ ކަމަށް ބުނެ، މިއީ ފުރައްސާރައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. މިއީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިހާރު ނަގާ ކިޔާ އެންމެ ހޫނު ގަދަ ބަހުސަށް ވަނީ ވެފަ އެވެ.
މިފާޑުކިޔުންތަކަށް ރައްދު ދެމުން ޓޯކިޔޯގެ ލާމަރުކަޒީ ސަރުކާރުގެ އޮފިޝަލުން ބުނެފައި ވަނީ، ސަރުކާރުގެ ބޭނުމަކީ ގަދަ ހޫނުގައި މީހުންނަށް އިހުތިޔާރުތަކެއް ދިނުން ކަމަށެވެ. އަދި މިއީ މީހުން ލާންވީ ހެދުމެއް ގަދަކަމުން އެންގުން ނޫންކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. އަދި އެހެން މީހުންނަށް އުނދަގޫނުވާނެ ފަދަ ގޮތަކަށް ހެދުން އަޅާނަމަ އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން، ފިރިހެނުންގެ މެދުގައި ފައިގެ އިސްތަށި ބޭލުމުގެ ފެޝަން ވެސް މިހާރު ވަނީ ގައުމުގައި ފެށިފަ އެވެ.
އިސްތަށި ބޭލުމާއި އުފުރުމުގެ ހިދުމަތް ދޭ ކްލިނިކްތަކުން ބުނާ ގޮތުގައި ހަމައެކަނި ރީތިވުމުގެ ބޭނުމުގެ ބަދަލުގައި ސޯޓު ލާއިރު އިޖުތިމާއީ އަދަބު ހިފެހެއްޓުމުގެ ގޮތުން ލޭޒާ ޓްރީޓްމަންޓް ބޭނުންކޮށްގެން ފައިގެ އިސްތަށިތައް ބޭލުމަށް އަންނަ މީޙުންގެ އަދަދު ވަނީ ފާހަގަކޮށްލެވޭ ވަރަކަށް އިތުރުވެފަ އެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގުތައް އުފުލިފައިވާއިރު، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ޖަޕާނަށް ވެސް ވަނީ ރެކޯޑު މިންވަރަކަށް ހޫނު މޫސުމާ ކުރިމަތިލާން ޖެހިފަ އެވެ. މި މަހުގެ 6 އިން 12އަށް އެކަނި ވެސް ހީޓްސްޓްރޯކް ޖެހިގެން 7 މީހުން އެ ގައުމުން މަރުވެ، 4,580 މީހުންނަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިފަ އެވެ.
މިއާ އެކު، އެ ގައުމުގެ އާންމުން އަންނަނީ ހޫނުން ސަލާމަތްވުމަށް އާ އުފެއްދުންތަކަށް ބަރޯސާވަމުންނެވެ. މީގެ ތެރޭގައި ފަންކާ ހަރުކޮށްފައި ހުންނަ އަންނައުނާއި ޑިސްޕޯސަބަލް ތެތް ތުވާލި އަދި ޕޯޓަބަލް ފަންކާ ފަދަ ތަކެތި ގަތުން ވަނީ އެ ގައުމުގައި އާންމުވެފަ އެވެ.
ޓޯކިޔޯ އޮފީސްތަކަށް ފިރިހެނުން ސޯޓްލައިގެން؛ އަންހެނުންގެ ޝަކުވާ ބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ