އެމެރިކާގެ ޑިޕާޓުމެންޓް އޮފް ސްޓޭޓް ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމެންޓް އެފެއާޒް (އައިއެންއެލް) އިން ދިވެހި ފުލުހުންނަށް ޑްރަގް ޓެސްޓު ކުރާ ކިޓުތަކެއް ހަދިޔާކޮށްފި އެވެ.
އެ ތަކެތި ފުލުހުންނަށް ހަދިޔާކުރީ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ތަކެއްޗާ ދިވެހި ފުލުހުންގެ ފަރާތުން ހަވާލުވީ ޕޮލިސް ކޮމިޝަނަރު، އަހުމަދު މުހައްމަދު (ޓޫފޯ) އެވެ.
ފުލުހުން ބުނީ އެމެރިކާއިން މިއަދު ހަދިޔާކުރީ 150 ޑްރަގް ކިޓު ކަމަށެވެ. އަދި، އެ ތަކެއްޗަކީ އިތުބާރާއެކު ވަރަށް އަވަހަށް ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކިޓުތަކެއް ކަމަށް ފުލުހުން ބުންޏެވެ. އެ ކިޓުތައް ބޭނުންކޮށްގެން ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހައިން ދެނެގަނެވޭނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުންގެ އިސް ބައެއް އޮފިސަރުން ވެސް ބައިވެރިވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫފޯ ވަނީ އެ ތަކެތި ހަދިޔާކޮށްދެއްވީތީ އައިއެންއެލްއަށާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް އަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މި ސަރުކާރު އައުމަށްފަހު އަންނަނީ އެމެރިކާ އާއެކު ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރަމުންނެވެ. އެގޮތުން ފުލުހުންނާއި ސިފައިންނަށް އެމެރިކާއިން އަންނަނީ އެހީތެރިވަމުންނެވެ.
އޭގެ އިތުރުން، ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑޭތި ކުށްތައް ހުއްޓުވުމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އާއި އިމިގްރޭޝަންސް އެންޑް ކަސްޓަމްސް އެންފޯސްމަންޓު (އައިސް) އާއެކު ދިވެހި ފުލުހުން މިދިޔަ ޖޫން 24، ގައި ވަނީ އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފަ އެވެ.
ބޯޑަރު ހުރަސްކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި، ދިވެހި ފުލުހުންނާއި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އަދި އައިސްއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ޓެރަރިޒަމާއި، މަސްތުވާތަކެތީގެ ވިޔަފާރި އަދި ސައިބާ ކްރައިމް ފަދަ ކުށްތައް ހުއްޓުވުމަށް މައުލޫމާތު ބަދަލުކުރުމާއި، ގުޅިފައިވާ އޮޕަރޭޝަންތައް ހިންގުމުގެ އިތުރުން ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއޯޔޫގެ މައިގަނޑު މަގުސަދަކީ ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ކުށްތަކަށް ހުއްޓުވުމާއި، އެފަދަ އަމަލުތައް ހިންގާ ނެޓްވޯކްތައް ނައްތާލުމެވެ.
އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލުތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި އާއި، އިންސާނީ ވަގުފާރި އަދި ސައިބާ ކްރައިމް ކުށްތައް ހިމެނެ އެވެ. ހަމައެހެންމެ، މާލީ އަދި އިގުތިސާދީ ކުށްތަކާއި، ފިކުރީ މުދަލުގެ ހައްގުތަކަށް އަރައިގަތުމާއި، ނުރައްކާތެރި ހަތިޔާރު ފެތުރުން ހުއްޓުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުން އިތުރުވެ، ކުށްތައް ތަހުގީގު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެމެރިކާ އެމްބަސީން ބުނެ އެވެ. އަދި ވަކިވަކި ކުށްތަކަށް އަމާޒުކޮށްގެން ގުޅިފައިވާ އޮޕަރޭޝަންތައް ހިނގުމާއި، މިހާރުވެސް ގާއިމުކުރެވިފައިވާ ގުޅުންތައް އިތުރަށް ވަރުގަދަކުރުން މި މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.
މި އެމްއޯޔޫގެ ދަށުން ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމްތަކާއި، ސެމިނާރުތައް އަދި ތަޖުރިބާ ބަދަލުކުރުމުގެ ދަތުރުތައް ރޭވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމެރިކާއިން ދިވެހި ފުލުހުންނަށް ޑްރަގް ޓެސްޓު ކުރާ ކިޓުތަކެއް ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ