ބޭސް ލިބުމުގައި ހުރި މައްސަލަ ހައްލުކުރެވޭނީ، ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ އެނގިގެން ކަމަށާއި އެކަން އެނގޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީއަށް ދެއްވި އިނޓަވިއުއެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، މިހާރުހުރި ބޭސްތަކުގެ އިންވެންޓްރީ އަދި ބޭހުގެ ސްޓޮކް ބަލާ މިދިޔަ ހަފްތާގައި ނިމިފައިވާކަމަށެވެ.
މިގޮތުން، ބޭސް ހުސްވުމުގެ މައްސަލަ ހައްލުކުރެވެން އޮތީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އެ ތަކެތީގެ އަދަދު ދުރާލާ ދެނެގަނެވިގެން ކަމަށާއި އެގޮތުން މިކަމަށްޓަކައިމިހާރު ކުރިއަށްދާ ”އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމާއި، އީ-ލޮޖިސްޓިކްސް ސިސްޓަމް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހި ނިމިދިޔަ ހަފްތާގައި ނިމިފައިވާކަމަށް ޝާހު ވިދާޅުވިއެވެ.
ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށް އެ ކުންފުނިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާކުރެއްވަމުން ޑރ. ޝާހު މާހިރު ވިދާޅުވީ، މިހާރު މަދުވާ ބޭސްތަކަށް އެކުންފުނިން އޯޑަރު ޖަހަމުންދާކަމަށެވެ. މީގެ އިތުރުން ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ބޭސް ހަމަކުރުމުގައި ކުރިއަށްއޮތް 3 މަހާއި 6 މަހާއި ދޭތެރޭގައި ހަމަކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
”ބޭސް ލިބުމުގައި ހުރި މައްސަލަ ހައްލުކުރެވޭނީ، ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ އެނގިގެން، މިހާރު މަދުވާ ބޭސްތަކަށް އޯޑަރު ޖަހަމުންމިދަނީ، ދާއިމީ ބަލިތަކަށް ހުރި ބޭސް ހަމަކުރުމުގައި، ކުރިއަށްއޮތް 3 މަހާއި 6 މަހާއި ދޭތެރޭގައި ހަމަކުރެވޭނެ“ ޑރ. ޝާހު މާހިރު
މީގެ އިތުރުން އޭނާ ވިދާޅުވީ، ދާއިމީ ބޭސް ރާއްޖެ ގެނައުމަށް ވަގުތު ނަގާކަމަށެވެ. އެހެންކަމުން ރާއްޖޭގައި މިވަގުތު މަދު އަދި ނެތް ކަމަށް ރިޕޯޓްކޮށްފައިވާ ބޭސްތަކަށް ޚާއްސަ އިސްކަމެއް ދެއްވައިގެން އެބޭސްތައް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުންދާ ކަމަށާއި މިކަމަށްއޮތް ދާއިމީ ހައްލަކީ ސިސްޓަމް ރަނގަޅުކޮށްގެން ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ ޕްލޭންކުރެވިގެން ގެނައުންކަމުގައި ޑރ. ޝާހް ވިދާޅުވިއެވެ. ޝާހު ވިދާޅުވީ އެއްވެސް ރައްޔިތަކަށް ކުރިއަށްއޮތް ތަނުގައި ބޭސް ނުލިބިގެން އުޅޭކަށް ނުޖެހޭނެކަމަށާއި މިގޮތުން މިހާރުން މިހާރަށް ބޭނުންވާ ބޭހުގެ ކުދި ކުއަންޓިޓީ ގެނެސް ހަމަކުރާނެކަމަށެވެ.
”އެއްވެސް މީހަކަށް ބޭސް ނުލިބިގެން އުޅޭކަށް ނުޖެހޭނެ، ބައެއް ބޭސްތައް އޯވަރ ނައިޓްކޮށްވެސް އެބަ ގެންނަން“ ޑރ. ޝާހު މާހިރު
ޝާހު ވިދާޅުވީ، ބައެއް ފަރާތްތަކުން ބޭހާ ގުޅުވާ ނުރަނގަޅު މައުލޫމާތު ސޯޝަލް މީޑީއާގައި ފަތުރަމުންދާކަމަށެވެ. މިގޮތުން ބައެއް ފަރާތްތަކުން ރާއްޖޭގައި ހަކުރު ބައްޔަށް ބޭނުންކުރާ އިންސިއުލިން ހުސްވެގެން އުޅޭ ވާހަކަ ދައްކާކަމަށާއި އެހެން ނަމަވެސް ސްޓޭޓް ފާރމާސްގެ ސްޓޮކުގައި އިންސިއުލިންގެ ތިން ހަތަރު ބާވަތް އަބަދުވެސް ހުސްނުވެ ހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނާވަނީ ދެއްވާފައެވެ. އަދި ހަޤީގަތަކީ އާންމު ބަލިތަކަށް ބޭނުންވާ ބޭހުގެ މެޖޯރިޓީ ބޭސް ރާއްޖޭގައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ކުރިއަށްއޮތް ދެތިން މަސް ދުވަހުގެ ތެރޭގައި މިހާރު ނުލިބޭ ބައް ބޭސްތައް ލިބި މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި ލޯންގ ޓާރމްގައި ސަސްޓެއިނަބަލް ގޮތަކަށް މިކަން ކުރުމަށް ފޯކާސްޓް ރަނގަޅުކޮށް ކޮންމެ އަހަރަކަށް ބޭނުންވާ ބޭސްތައް އެއް އަހަރު ކުރިއަށް އޯޑަރުޖަހަންޖެހޭ ކަމަށާއި މިވަގުތު ކުރެވެމުންދަނީ އެމަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ޝާހް ވިދާޅުވީ ރާއްޖޭގައި މިވަގުތު މަދު އަދި ނެތް ކަމަށް ރިޕޯޓްކޮށްފައިވާ ބޭސްތަކަށް ޚާއްސަ އިސްކަމެއް ދެއްވައިގެން އެބޭސްތައް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުންދާ ކަމަށާއި އަދި މިގޮތަށް ނުލިބި ހުރި ގިނަ އަދަދެއްގެ ބޭސް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެކަމަށެވެ.
މަދުވާ ބޭސްތަކަށް އޯޑަރު ޖަހަމުންމިދަނީ، ކުރިއަށްއޮތް 3 މަހާއި 6 މަހާއި ދޭތެރޭގައި ބޭސް ލިބޭނެ: ޑރ. ޝާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ