ހުޅުމާލެ ކަންނެލިމަސް ފެކްޓްރީ އަޅަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވެއްޖެ

ހުޅުމާލޭގައި ގާއިމުކުރަން މި ސަރުކާރުން ވައުދުވި 100 މެޓްރިކް ޓަނުގެ ކަންނެލިމަސް ފެކްޓްރީ އަޅަން ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ އެ މަސައްކަތް ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
"އާދެ، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ ފެކްޓްރީއެއް ގާއިމުކުރުމަށް އަޅުގަނޑުމެން މި ވަނީ މިދިޔަ ހަފުތާގައި ބަޔަކާ ހަވާލުކޮށްފައި،" ޝިޔާމް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ ފެކްޓްރީގެ، މި ކަންނެލި މަސްވެރިންނަށް ހައްލު ހޯދައިދިނުމަށްޓަކައި ގާއިމުކުރެވޭ ފެކްޓްރީގެ އެ ބައި އިރާދަކުރެއްވިއްޔާ ކުރިއަށް 18 މަސްދުވަހުގެ ތެރޭގައި މުޅި މަސައްކަތް އަޅުގަނޑުމެންނަށް އެއްކޮށް ނިންމައިލެވޭނެ ކަމަށް."
ޝިޔާމް ވިދާޅުވީ ކަންނެިލި މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާނީ އެ ފެކްޓްރީ މެދުވެރިކޮށް ކަމަށެވެ.
ބޮޑު ކަންނެލި މަސްވެރިންނަށް މުއިއްޒު ވައުދު ވައުދުވެވަޑައިގަތީ މިފްކޯއަށް ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 100ރ. އާއި 80ރ. އާ ދެމެދުގެ އަގެއްގައި ހިފެހެއްޓުމަށެވެ. އޭގެ އިތުރުން ބޭސް ރޭޓުގައި ކަންނެލި މަސްވެރިންނަށް ތެޔޮ ގަންނަން ލިބޭނެ ގޮތް ހެދުން އެއީ ވެސް މުއިއްޒުގެ ވައުދެކެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ފަންޑުގެ ދަށުން ގާއިމުކުރާ މި ކާރުހާނާ އެޅުމަށްޓަކައި ހުޅުމާލެއިން 25،000 އަކަފޫޓުގެ ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހަމަޖައްސައިދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ