މަސް ގަންނަން މިފްކޯއަށް މިހާރު ސަރުކާރުން އެންމެ ރުފިޔާއެއް ވެސް ނުދެން: މިނިސްޓަރު ޝިޔާމް
މަސް ގަންނަން މިފްކޯއަށް ސަބްސިޑީ ދިނުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި، މަސް ގަންނަން މިފްކޯއަށް މިހާރު ސަރުކާރުން އެންމެ ރުފިޔާއެއް ވެސް ނުދޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މަސް ގަންނަން އެ ކުންފުންޏަށް ފައިސާ ދިނުން ހުއްޓާލައިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތުން އަމިއްލަ ކުންފުނިތައް ތިބީ ބޭރުވާ ހިސާބަށް ގޮސްފައެވެ. ނަމަވެސް، މިހާރު ގެނެވުނު ބަދަލުތަކާއެކު ވިޔަފާރީގެ ހެޔޮ މާހައުލެއް އުފެދި، ޕްރައިވެޓް ކުންފުނިތަކާ އެކު މުޅި ސިނާއަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ މަހުގެ އެކްސްޕޯޓް ވެސް އިތުރުވާނެ. އެކްސްޕޯޓް ކުރެވޭ މަހަށް ލިބޭ އާމްދަނީ ވެސް އިތުރު ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. މިފްކޯއިން މަސްކިރަން ބޭނުންކުރާ ބޯޓެއް: މަސް ގަންނަން މިފްކޯއަށް މިހާރު ސަރުކާރުން އެންމެ ރުފިޔާއެއް ވެސް ނުދޭ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި -- ފޮޓޯ/ މިފްކޯ މިދިޔަ ސަރުކާރުން މަސް ކިލޯއެއް 25 ރުފިޔާއަށް ގަންނަން ނިންމި ނިންމުމަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ، އެ އަގުގައި މަސް ގަތުމަށް ކޮންމެ ކިލޯއަކަށް 13 ރުފިޔާ ސަރުކާރުން ސަބްސިޑީގެ ގޮތުގައި ދޭން ޖެހުނު ކަމަށެވެ. މީގެ ސަބަބުން އަހަރެއްގެ މައްޗަށް ބިލިއަނުން ފައިސާ ހޭދަވާކަން ފާހަގަކުރައްވައި، އެ ފައިސާ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށާއި ފެކްޓްރީތައް ހެދުމަށް ޚަރަދު ނުކުރީ ކީއްވެތޯ މިނިސްޓަރު ސުވާލު އުފެއްދެވިއެވެ. މަސްވެރިކަމުގެ ސިނާއަތުގައި ހުރި ޒަމާންވީ އިހުމާލުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ފެލިވަރުގައި އެންމެ ފެކްޓްރީއެއް ހިންގާތާ 40 އަހަރުވެފައިވާ ކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ ދުވާލަކު މަސް ބަންދުކުރެވޭ މިންވަރު 300 ޓަނަށް އިތުރުކުރުން ކަމަށާއި، ފ. ނިލަންދޫ އާއި ގދ. ފިޔޯރީގައި މަސް ޕްރޮސެސިން ފެސިލިޓީ ގާއިމްކުރުމުގެ އިތުރުން ފެލިވަރުގެ ކެޕޭސިޓީ ދެގުނަ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ނިންމަވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ސިޔާސީ ބޭނުމަށް ސަބްސިޑީ ދީގެން މަސް ގަތުމުގެ ބަދަލުގައި، މި ސަރުކާރުން މަސައްކަތް ކުރަނީ މިފްކޯއަކީ ސަރުކާރުގެ އެހީއާ ނުލައި މަސް ގަނެވޭނެ ގާބިލުކަން ހުރި ކުންފުންޏަކަށް ހެދުމަށް ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން މަސްވެރިންގެ ޖީބަށް ލިބޭ އާމްދަނީ ވެސް ތަނަވަސްވާނެ ކަމުގެ އޭނާ ޔަގީންކަން ދެއްވިއެވެ. ޝިޔާމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރު ހަވާލުވުމުގެ ކުރިން މަހުގެ އަގަށް ގެނައި ބޮޑު ބަދަލުގެ ސަބަބުން، މަސް ގަތުމަށް ސަބްސިޑީ ގޮތުގައި ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ ރޭޓުން އައީ ދެމުންނެވެ. އެއީ އަހަރެއްގެ މައްޗަށް 1.1 ބިލިޔަން ރުފިޔާކަން އޭރު އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ސަބްސިޑީތަކަށް ބޮޑު ޚަރަދެއް ކުރާއިރު، ދައުލަތުގެ ކުންފުނިތަކަށް ވެސް ސަރުކާރުން ގިނަ އެހީތަކެއްދެއެވެ. އެހެންނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތައް ދެމުންގެންދިޔުމަށް، ސަބްސިޑީ ނިޒާމު ހަރުދަނާކޮށް، ދައުލަތުގެ ކުންފުނިތައް އިސްލާހު ކުރުމަށް މާލީ އިދާރާތަކުން ގޮވާލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ