ނިއު ޒިލެންޑްގެ ދިދަ ބަދަލުކުރުމަށް އެ ގައުމުގެ ރައްޔިތުން ވޯޓު ލައިފި

ނިއު ޒިލެންޑްގެ ގައުމީ ދިދަ ބަދަލު ކުރުމަށް ހުށަހެޅި ހުށަހެޅުމާ މެދު އެ ގައުމުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ލައިފި އެވެ. ނިއު ޒިލެންޑްގެ ގައުމީ ދިދައިގައި ހުންނަނީ، އެއް ފަރާތުގެ ކަނުގައި އިނގިރޭސި ވިލާތުގެ ދިދަ އަދި އަނެއް ފަރާތުގައި، ދުނިޔޭގެ ދެކުނުން ފެންނަ ނަކަތެއް ކަމުގައިވާ ސަދަން ކްރޮސް އެވެ. ނަމަވެސް، ނިއު ޒިލެންޑްގެ އައު ދިދައިގެ ގޮތުގައި ހުށަހަޅާފައިވާ ދިދައިން، އިނގިރޭސި ވިލާތުގެ ދިދަ ވަނީ ނަގައިފަ އެވެ. އޭގެ ބަދަލުގައި، އައު ދިދައިގައި ވަނީ ސިލްވާ ފާން ނަމަކަށް ކިޔާ ގަހެއްގެ ފަތެކެވެ. އިނގިރޭސި އިއްތިހާދުގެ ދިދަ، ނިއު ޒިލެންޑާއި އޮސްޓްރޭލިޔާ އާއި ބައެއް އެހެން ގައުމުތަކުގެ ދިދަތަކުގައި ހުންނަނީ، އެ ގައުމުތަކަކީ މީގެ ކުރިން އިނގިރޭސި އިސްތިއުމާރުގެ ދަށުގައި ހުރި ގައުމުތަކެއް ކަމުގައި ވުމުންނެވެ. ނިއު ޒިލެންޑްގެ ޖުމްލަ އާބާދީގެ 61 ޕަސެންޓް މީހުން، އެ މައްސަލާގައި ވޯޓު ލާން ނުކުމެފައިވާ އިރު، ބެލެވޭ ގޮތުގައި ގިނަ ރައްޔިތުން ތިބީ ދިދަ ބަދަލުކުރުމާ ދެކޮޅަށެވެ. އެހެން ނަމަވެސް، ނިއު ޒިލެންޑްގެ ބޮޑުވަޒީރު ޖޯންކީ ހުންނެވީ ދިދަ ބަދަލު ކުރުމަށް ތައްޔާރަށެވެ. ބޮޑުވަޒީރު ކީ ވިދާޅުވީ، މިއީ އެ ގައުމުގެ ގައުމީ ރަމްޒު ބަދަލު ކޮށްލުމަށް، ހަޔާތުގައި ވެސް މަދު ފަހަރަކު ނޫނީ ނުލިބޭނެ ފުރުސަތެއް ކަމަށެވެ. ނިއު ޒިލެންޑްގެ ދިދައާ ގުޅޭ ގޮތުން ލީ ވޯޓުގެ ނަތީޖާ، މިއަދުގެ ވަގުތެއްގައި އިއުލާނު ކުރެވޭނެ އެވެ. މަސްދަރު: ބީބީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ