އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓަކީ މޮޅުވާ ކެންޑިޑޭޓަށް ހެދުން ބޭނުންތެރި: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމުގައި އެންމެ ގިނަ ވޯޓް ހޯދާ ކެންޑިޑޭޓަކީ އިންތިޚާބް ކާމިޔާބުކުރާ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަކީ ބޭނުންތެރި ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "މުޅި ރާއްޖޭގެ ފަރާތުން ވަކާލާތުކުރުން" މި ނަމުގައި މީސްމީޑިއާގައި ހިއްސާކުރައްވާފައިވާ ލިޔުމެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއަދު ރާއްޖޭގައި އަމަލުކުރަމުން މިދާ ގާނޫނު އަސާސީއަށް 13 އަހަރުވެފައިވާ ކަމަށާއި، ގާނޫނުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާއި ގުޅޭގޮތުން ވިސްނަންޖެހޭ ކަމަށެވެ. ރައީސަކު އިންތިކާބު ކުރުމުގައި އެންމެ ގިނަ ވޯޓު ހޯއްދަވާ ކެންޑިޑޭޓަކީ މޮޅުވާ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަކީ ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ، މި ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ތިން އިންތިޚާބެއް ބާއްވާފައިވާއިރު، އާންމު ހަމައެއްގެ ގޮތުގައި ފެނުނީ ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދާ ޕާޓީ ރިޔާސީ އިންތިޚާބުކުރާ މަންޒަރު ކަމަށެވެ.
އެގޮތުން، 2008 ވަނަ އަހަރު ންމެ ގިނަ ވޯޓް ލިބިވަޑައިގަތީ ރައީސް މައުމޫނަށް ކަމަށާ ނަމަވެސް ދެވަނަ ބުރުގައި އެހެން ހުރިހާ ޕާޓީތައް އެމަނިކުފާނާ ދެކޮޅަށް ނިކުންނަވާ ރައީސް މައުމޫން ބަލި ކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި، އެއަށްފަހު 2013 ވަނަ އިންތިޚާބުގައި ވެސް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ އެމަނިކުފާނަށް ކަމަށާއި، އެހެންނަމަވެސް ރައީސް ކަމަށް ހުވާ ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވިއެވެ.
އަދި އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބު ކުރެވުނު ނަމަވެސް ޕާޓީގެ ފަރާތުން ވާދަކުރެއްވީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައްޔާއި ކައުންސިލް އިންތިހާބުތަކުގައިވެސް އެއްވެސް ޕާޓީއަށް އަޣުލަބިއްޔަތު ހޯދިފައިނުވާކަމަށެވެ.
މީގެއިތުރުން، މިފަދަ ބޭއިންސާފުގައި ވެރިކަމުގެ ކަންކަން ގެންދަނީނަމަ އެތައް ގޮންޖެހުމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި، ގިނަ ބައިވަރު މީހުންނަކީ ބާކީވާ މީހުން ކަމުގައި އެމީހުން ދެކެނީނަމަ ނުކުންނާނެ ހިތި ނަތީޖާ ގައުމުތަކުގެ ހަޔާތުގައި ސާފުވެފައި އޮތަތީ، ރައީސުލްޖުމްޙުރިއްޔާ އިންތިޚާބުކުރާ ގޮތަށް ބަދަލު ގެނައުމަކީ މިރާއްޖޭގެ އިޖުތިމާއި، އިގްތިސާދީ އަދި ސިޔާސީ އަދާލަތަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސް ނަޝީދުގެ ލިޔުމުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ