އެމްނެސްޓީ އިންޓަނޭޝަނަލްގެ ލޯތްބާއި ހަމްދަރުދީ ލިބިފައިވާ މީހަކަށް ވެސް ނުވަތަ ސިޔާސީ ލީޑަރަކަށް ވެސް ރާއްޖޭގެ ޤާނޫނަށް ވުރެން މަތީގައި ނުހުރެވޭނެ ކަމަށާއި ކޮންމެ މީހެއްގެ މައްޗަށް ވެސް ޤާނޫނުގެ ޙުކުމް ހިނގާނެ ކަމަށް ވިދާޅުވެ އެމްނެސްޓީ އިންޓަނޭޝަނަލް އަށް ސުޕްރީމް ކޯޓުން ރައްދު ދީފިއެވެ.
ސުޕްރީމް ކޯޓުން އެމްނެސްޓީ އަށް ރައްދު ދިނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެމްނެސްޓީ އިން ނެރުނު ރާއްޖޭގެ އިންސާނީ ހާލަތާއި ގުޅޭ އިންޑެކްސްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރައްދުދީ ސުޕްރީމް ކޯޓުން އިނގިރޭސި ބަހުން ނެރުނު ދިގު ބަޔާނެއްގައެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާއަށް އެމްނެސްޓީ އިން ފާޑުކިޔާފައި ވާތީ ސުޕްރީމް ކޯޓުގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާ އިން ވެސް އަސާސެއްގެ ގޮތުގައި ބަލަނީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ އުސޫލުތަކާއި ރާއްޖޭގެ ޤާނޫނު އަސާސީ ކަމަށެވެ. "ނަމަވެސް އެކަން ދެނެގަތުމުގައި އެމްނެސްޓީ ވަނީ ފެއިލް ވެފައި" ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގައި ވެސް ހުރި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި "ނަމަވެސް ޒިންމާދާރުކަމެއް ނެތް ވާހަކަތަކަށް މަރުޙަބާ ނުކިޔާނެ" ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.
އެމްނެސްޓީ އިން ވަނީ ރާއްޖޭގެ އަމިއްލަ ވަންތަކަމަށް އަރައިގެންފައި ކަމަށްވެސް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.
ޒިނޭ ކުރާ މީހުންގެ ގައިގައި ރާއްޖެއިން ހައްދު ޖަހާތީ އެކަމަށް އެމްނެސްޓީ އިން ފާޑުކިޔުމުން ސުޕްރީމް ކޯޓުން ވިދާޅުވީ ދިވެހިން ވަނީ މީގެ 800 އަހަރު ކުރިން އިސްލާމްދީން ގަބޫލު ކޮށްފައިވާ ކަމަށާއި އެދީނުގައި އަންގަވާފައިވާ ކަންތައްތައް އެމްނެސްޓީ އިން ބުނެގެން ބަދަލު ނުކުރެވޭނެ ކަމަށެވެ. އިސްލާމް ދީނުގައި އޮތީ ހަމަހަމަކަމާއި އެކު އެންމެންނަށް ހައްޤުތައް ގެނެސްދީފައިވާ ކަމަށާއި އެއީ މާތްﷲ ގެ ޤާނޫނު ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާ އިން މަސައްކަތްކުރަނީ އެމްނެސްޓީ ރުއްސަން ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެމްނެސްޓީ ރުއްސަން ކަމެއް ނުކުރާނެ ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވިދާޅުވިއެވެ.
ރާއްޖެ އާއި ބެހޭ ގޮތުން އެމްނެސްޓީ އިން ރިޕޯޓެއް އެކުލަވާލާފައި ވަނީ "ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތައް ބަލައިގެން" ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވިދާޅުވިއެވެ.
އެމްނެސްޓީގެ ލޯބި ލިބިފައިވާ މީހަކަށް ވެސް ރާއްޖޭގެ ޤާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ – ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ