ރައީސް ޔާމިންގެ ކުރީގެ ބައެއް މިނިސްޓަރުންނާ މައުމޫން ބައްދަލުކުރައްވައިފި

ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގެ ކުރީގެ ބައެއް ވަޒީރުންނާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކޮށް މިހާރު ޕީޕީއެމްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ޕީޕީއެމް އޮފީސް ހ. ތެމާގޭގައި މިއަދު މައުމޫން ބައްދަލުކުރެއްވީ އެ މަނިކުފާނުގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނެ ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައި ވަނީ ވަރަށް ކަންބޮޑު ވާންޖެހޭ ހާލަތެއް ކަމަށާއި، ޕީޕީއެމަށް ދިމާވެފައިވާ މައްސަލަތަކުގެ އިތުރުން މުޅި ގައުމުގެ ހާލަތު ވެސް ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ގައުމުގެ ކަންކަން އިސްލާހުކުރަން މަސައްކަތް ފެށުމަކީ އަލިމަގެއް ފެންނާނެ ކަމެއް ކަމަށާއި، އެ މަސައްކަތުގައި ރައީސް ޔާމީންގެ ކެބިނެޓުން ވަކިވެވަޑައިގެންފައި ތިއްބެވި އެހެން ވަޒީރުން ވެސް ކުރިއަށް އޮތް ތަނުގައި ފެންނާނެކަމަށެވެ.
ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕީޕީއެމް ފެކްޝަންތަކަށް ބެހިގެންގޮސް މައްސަލަތަކެއް ދިމާވެފައިވާއިރު، ޕީޕީއެމް ރޫޅި ކުދިކުދިވެގެން ނުދާނެކަމަށް އެ ޕާޓީގެ ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. އަދި ޕާޓީ އާއި ދިވެހި ރައްޔިތުންގެ ދިފާއުގައި ހުންނަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ