އަދާލަތުން "ބޮޑާހޭކުމުން" ގާސިމް ވިދާޅުވީ ޝުކުރިއްޔާއޭ!

އަދާލަތު ޕާޓީން މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ ބޭފުޅުންނަށް ސަރުކާރު ހިންގާ ކޯލިޝަންގެ ޓިކެޓް ހޯދުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީއާ ދެމެދު ކުރި މަޝްވަރާތައް ނާކާމިޔާބުވެ، ދެ ޕާޓީގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިއްޖެ އެވެ.
ހިޔާލު ތަފާތުވުން އުފެދުނީ ޖޭޕީން އަދާލަތަށް ދޭން އެއްބަސްވި އަދަދާމެދު އަދާލަތުން ހިންހަމަނުޖެހުމުންނެވެ. ޖޭޕީން އަދާލަތަށް ދޭން އެއްބަސްވީ ހަތަރު ދާއިރާއެއްގެ ޓިކެޓެވެ. ނަމަވެސް އަދާލަތުން ބޭނުން ވަނީ އެއަށް ވުރެ ގިނަ ދާއިރާތަކުގެ ޓިކެޓެވެ.
ދެ ޕާޓީގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް މީޑިއާއަށް ފެންމަތި ކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. ޖޭޕީގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީން ހުށަހެޅި މަޖިލިސް ސްލޮޓްތައް އަދާލަތު ޕާޓީން ގަބޫލު ނުކުރުމުން "ވަރަށް ބޮޑަށް ޝުކުރިއްޔާއޭ" ދެންނެވި ކަމަށެވެ. ގާސިމް ޝުކުރިއްޔާއޭ ދެންނެވީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲއަށެވެ.
~
ގާސިމް ވިދާޅުވި ގޮތުގައި ޖޭޕީގެ ބައެއް ސުލޮޓުތައް ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވީ އިމްރާނެވެ. ކޯލިޝަންގެ ޓިކެޓް ދިނުމަށް އިމްރާން އެދިވަޑައިގުމުން ތިން ދާއިރާއެއްގެ ޓިކެޓް އަދާލަތަށް ދޭން ނިންމި ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އެ އަދަދާމެދު ހިންހަމަނުޖެހި "އުހޫން، އުހޫން" އޭ ވިދާޅުވެ "ތި ތަންތަނެއް ތިމަންނާ ބޭނުންފުޅެއް ނެތޭ" އިމްރާން ވިދާޅުވި ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން ދެން އެކަމަކު ނެތޭ ހަތަރު ދާއިރާއެއް ދެވޭ ކަށެއް. އަޅުގަނޑުމެން ތިނެއް [ދާއިރާ] ހަމަކޮށްފަ އެންގީމަ، ވިދާޅު ވަނީ އުހޫން. އުހޫން. ތިތަންތަނެއް ތިމަންނާ ބޭނުން ފުޅެއް ނެތޭ. މިވެނި ދެތަން، މިވެނި ދެ ދާއިރާއެއް ދޫކޮށްލައިގެން ތިމަންނާއަކަށް މިކަން ވާކަށެއް ނެތޭ. އަޅުގަނޑެ ދެންނެވިން ވަރަށް ބޮޑަށް ޝުކުރިއްޔާއޭ، އަޅުގަނޑަކަށް ނެތޭ ތިކަން ތިގޮތަށް ވާކަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަދާލަތާއެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނޯންނާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޖޭޕީ ނާކާމިޔާބުވުމާއެކު އަދާލަތު ޕާޓީން ޕީޕީއެމްއާ ގުޅުނީ ކަމަށެވެ. އޭރު ޖޭޕީން އެއްވެސް ގޮތަކަށް ނިންމާފައި ނުވަނީސް އަދާލަތުން ޕީޕީއެމާ ގުޅުމުން، ޖޭޕީގެ ފަރާތުން އަދާލަތު ޕާޓީއަށް އެއްވެސް ކޮމިޓްމަންޓެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކަން މިހެން އޮތް ނަމަވެސް އަދާލަތު ޕާޓީން އެދުމުން ތިން ދާއިރާއެއް ދޭނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
"ދަންނަވާލަން މި އުޅެނީ އެއްވެސް ކަހަލަ ކޮމިޓްމަންޓެއް އެބޭފުޅުންނަށް [އަދާލަތަށް] އޮވެގެނެއް ނޫނޭ. އެހެންވިޔަސް އަޅުގަނޑުމެން ދޭނަމޭ މަދުވެގެން ތިން ދާއިރާއެއް. މިކަން ނިމުމާ ގުޅިގެން [ސްލޮޓްތައް ކޯލިޝަނުން ބަހާ] އަޅުގަނޑު ޝޭހް އިމްރާނަށް ފޯނުކޮށްފަ ދެންނެވި ލިބިއްޖެއޭ. ދެން އިމްރާން ވަޑައިގެން ފަސް ދާއިރާއެއްގެ ފާހަގަޖަހާފައި ވިދާޅުވީ މިތަންތަނޭ ތިމަންނަމެން ބޭނުމީ. އޭގެ ތެރެއިން ތިން ތަން އަޅުގަނޑުމެން އެ ބޭފުޅުންނަށް [އަދާލަތަށް] އެރުވީ. ދެން އަދި އޭގެ އިތުރަށް އެބޭފުޅުން ޑިމާންޑްކުރީ ހަތަރު ވަނަ ދާއިރާއެއް ދިނުމަށް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ވަރަށް ގިނައިން އެ ކަމަށް އެދުމުން ވެސް ހަތަރު ދާއިރާއެއް ދެވެން ނެތް ކަމަށް ދެންނެވުމުން އަދާލަތުން އެކަން ގަބޫލުނުކުރީ ކަމަށެވެ.
ގާސިމް ވިދާޅުވީ ޖޭޕީއިން ހުށަހެޅި ތިން ސްލޮޓް އަދިވެސް އަދާލަތަށް ދިނުމަށް ނިންމާފައިވާ ކަމަށާއި އެ އޮފާ އެގޮތަށް އެބަ އޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ