މަރުގެ އަދަބު ނުދޭން ޑރ. ޝަހީދު ގޮވައިލެއްވުމުން އީރާނުން ފާޑުކިޔައިފި

އީރާނުގައި މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓާލުމަށް ގޮވައިލެއްވުމުން ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަށް އީރާނުން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އީރާނުގެ ޖަސްޓިސް މިނިސްޓަރު މުސްތަފާ ޕޫރު މުހައްމަދީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޑރ. ޝަހީދަކީ ކޮރަޕްޓް ބޭފުޅެއް ކަމަށެވެ.
"އަހުމަދު ޝަހީދަކީ ޖޫރިސްޓެއް ވެސް ނޫން. އޭނާ މަޝްރަހަށް ވަދެފައި ވަނީ ސިޔާސީގޮތުން ހަރަކާތްތެރިވާ މީހެއްގެ ގޮތުގައި. ފުރަތަމަ ދުވަހުން ފެށިގެން އޭނާ ވަނީ އަހަރެމެންނާ ދެކޮޅު ސްޓޭންޑެއް ނަގާފައި،" ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. ޝަހީދާ ދެކޮޅަށް މުސްތަފާ ނެރުއްވާފައިވާ ބަޔާނުގައިވެ އެވެ.
މުސްތޮފާ އަދި ވިދާޅުވެފައި ވަނީ ސްޕެޝަލް ރެޕަޓުއާއެއް އައްޔަން ކުރުމާ ވެސް އީރާނު ދެކޮޅު ކަމަށެވެ.
އީރާނާ ބެހޭ ގޮތުން ޑރ. ޝަހީދު އެންމެ ފަހުން ނެރުއްވި ރިޕޯޓްގައި ގޮވާލައްވާފައި ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުން ވަކި މުއްދަތަކަށް ހުއްޓާލުމަށް، "މޮރެޓޯރިއަމްއެއް" ގާއިމް ކުރުމަށެވެ.
އީރާނުގައި ޖެނުއަރީ މަހު ގިނަ ބައެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން ވެސް ޑރ. ޝަހީދު ވަނީ އެގައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޖެނުއަރީ 22 ވަނަ ދުވަހު މަރުގެ ހުކުމް ތަންފީޒު ކުރުމާ ދެކޮޅަށް މަސައްކަތް ކުރައްވާ ޔޫއެން ސްޕެޝަލް ރެޕަޓުއާ ކްރިސްޓޮފް ހޭންސް އާ އެކު ނެރުއްވި ގުޅިފައިވާ ބަޔާނުގައި އީރާނަށް ގޮވާލައްވާފައި ވަނީ މަރުގެ އަދަބު ތަންފީޒުކުރުން ވަގުތުން ހުއްޓާލުމަށެވެ.
"މަރުގެ ހުކުމް ތަންފީޒު ކުރުން ވަކި ދުވަހަކާ ޖެހެންދެން ހުއްޓާލުމަށް (މޮރެޓޯރިއަމް އެއް ގާއިމް ކުރުމަށް) ޔޫއެން އިން ގޮވާލާފައި ވަނިކޮށް ވެސް، ކަންބޮޑުވާހާ ގާތް ގާތުގައި މަރުގެ ހުކުމްތައް ތަންފީޒުކުރަމުން ދާތީ އަޅުގަނޑުމެން އިންތިހާއަށް ހިތާމަކުރަމެވެ،" ޑރ. ޝަހީދާއި ހޭންސް ޖެނުއަރީ 22 ވަނަ ދުވަހު ނެރުއްވި ބަޔާނުގައިވެ އެވެ.
އީރާނަކީ ދުނިޔޭގައި އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒުކުރާ އެއް ގައުމެވެ. އެގައުމުގެ ވެރިކަމަށް މިހާރުގެ ރައީސް ހަސަން ރޫހާނީ ވަޑައިގެންނެވި ފަހުން މަރުގެ ހުކުމް ތަންފީޒުކުރުން ވަނީ ކުރިއަށް ވުރެ އިތުރުކޮށްފަ އެވެ.
އީރާނުން ކުރާ ތުހުމަތުތަކަކީ ދެކޮޅު ނުޖެހޭ ތުހުމަތުތަކެއް ކަމަށް ޑރ. ޝަހީދު ކުރިން ވަނީ ވިދާޅުވެފަ އެވެ.
"އެ ތުހުމަތުތަކަކީ ވަރަށް ދެކޮޅު ނުޖެހޭ، މޮޔަ ތުހުމަތުތަކެއް، އެއީ އެގައުމުގައި (އީރާނުގައި) ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ އިންސާނީ ހައްގުތަކާ މެދު ދޭ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލަން ޑިޒައިންކޮށްފައިވާ ތުހުމަތުތަކެއް،" ޖެނީވާގައި ހުންނަ އދ.ގެ ހިއުމަންރައިޓްސް ކައުންސިލަށް ރިޕޯޓް ހުށައެޅުއްވުމަށް ވަޑައިގަންނަވަމުން ސަންއާ ވާހަކަ ދައްކަވަމުން ޑރ. ޝަހީދ އޭރު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ