ބޭރު ދުނިޔޭގައި ރާއްޖެއަށް ލިބެނީ ނަފްރަތު: ގާސިމް

ބައިނަލްއަގުވާމީ ޖަމާއަތްތަކުން ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާއާމެދު ތަފާތު ނަޒަރަކުން ދެކެން ފަށައިފި ކަމަށާއި އޭގެ ސަަބަބުން ބޭރު ދުނިޔޭގައި ރާއްޖެއަށް ލިބެމުން އައި ތައުރީފުގެ ބަދަލުގައި ނަފްރަތާއި ހިތްހަމަނުޖެހުމުގެ ބަސްތައް ލިބެން ފަށައިފި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވި މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހަންމަދު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމަށް މިއަދު ޕެރަޑައިސް ރިސޯޓުގައި ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި ވާހަަކަފުޅު ދައްކަވަމުންނެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުން ރާއްޖެއަށް ނަފުރަތުގެ ބަސްތައް ރައްދުވަމުން އަންނާތީ އެކަމާއި ހިތާމަ ކުރައްވާ ކަަމަށް ވެސް ޤާސިމް މިއަދު ވިދާޅުވި އެވެ.
"ބައިންލްއަގުވާމީ ޖަމާއަތްތަކުން ރާއްޖޭގެ ޖުޑީޝަރީއާއިމެދު ތަފާތު ނަޒަރަކުން ދެކެމުން އަންނާތީ އެކަން އިސްލާހު ވުމުގެ ބަދަލުގައި އަދި އަޅުގަނޑުމެންނަށް ރާއްޖޭން ބޭރުގައި ލިބެން ޖެހޭ ތައުރީފުގެ ބަސްތައް ލިބުމުގެ ބަދަލުގަ ނަފްރަތާއި ފޫހިކަމުގެ ބަސްތައް ނުވަތަ ހިތްހަމަނުޖެހުމުގެ ބަސްތައް ރައްދުވަމުންދާތީ އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަަމެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ރާއްޖެ އަންނަ އިންވެސްޓްމަންޓްތަކަށް އަސަރު ކުރާނެ ކަމަށާއި އެއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މިފަދަ ކަންކަމަކީ ރާއްޖެއަށް އޮތް ނުބައި ސިގުނަލެއް ކަަމަށެވެ.
"މުސްތަގުބަލުގައި އިންވެސްޓަރުން އައުމާއި އަދި އަޅުގަނޑުމެންގެ އެތެރޭގެ ކަންކަމާއި ދޭތެރޭ އަޅުގަނޑުމެން ވަަރަށް ބޮޑަށް ވިސްނާލަން ޖެހޭ. އޭގެ ނުބައި ސިގުނަލެއް މިހާރު މި ދައްކަނީ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ