އުތުރު ތިލަފަޅުން ގޯތި ނުދޭތީ ކަންބޮޑުވެއްޖެ
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯތި ދިނުމަށް އުތުރު ތިލަފަޅު ހިއްކި ނަމަވެސް މި ސަރުކާރުން އެ ތަނުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް އިއުލާނު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އުތުރު ތިލަފަޅު ޔޫނިއަނުން މިއަދު ބުނެފި އެވެ.އެ ޔޫނިއަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، އުތުރުތިލަފަޅުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދޫކުރި ގޯތިތައް ރައްޔިތުންނަށް ލިބޭނެކަން އެޔޫނިއަނުން ކަށަވަރުކުރާނެ ކަމަށެވެ.އެގޮތުން، އެ ޔޫނިއަނުން ވަނީ ސަރުކާރުން ގޯތި ދިނުމުގެ ބަދަލުގައި އެހެނިހެން ބޭނުންތަކަށް އުތުރުތިލަފަޅު ޚާއްސަކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.އެޔޫނިއަނުން ކަންބޮޑުވުން ފާޅުކުރީ، އުތުރުތިލަފަޅުގައި ހޯޕް އައިލެންޑާއި މަރުކަޒީ ޖަލު ތަރައްގީކުރާތީ އެވެ.ހޯޕް އައިލެންޑުގެ މަޝްރޫއަށް އިޝާރާތްކުރައްވައި، އަލީ ހުސައިން ވިދާޅުވީ، 300 އެއްހާ ކުދިން ރިހެބިލިޓޭޓު ކުރުމަށް 19،000 އާއިލާގެ އުންމީދު ގެއްލުވާލައިގެން ނުވާނެ ކަމަށެވެ."19،000 އެތައް ބަޔަކު ގޯތި ހޯދުމުގެ އުއްމީދުގައި ތިއްބާ ދަނޑުވެރިކަމަށް އުތުރު ތިލަފަޅު ހާއްސަކުރެވިގެން ދިޔައީމަ އެއީ ރައްޔިތުންގެ ކަންބޮޑުވުން އައި ކަމެއް. އެއީ މި ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން. ބޯހިޔާވަހިކަމުގެ މައްސަލަައަށް ދާއިމީ ހައްލެއް ހޯދޭނީ ގޯތި ލިބިގެން،" އަލީ ހުސައިން ވިދާޅުވި އެވެ.އޭނާ ވިދާޅުވީ، ދަނޑުވެރިިކަމުގެ ޕްރޮގްރާމު ފުށިދިއްގަރަށް ބަދަލުކުރާ ކަމަށް ސަރުކާރުން ފަހުން ބުނެފައިވާ ކަމަށާއި އުތުރު ތިލަފަޅަށް ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު ބަދަލުކުރާ ވާހަކަ ވެސް ދެއްކެވިފައިވާ ކަމަށެވެ."300 ކުދިންގެ ރިހެބިލިޓޭޓް ކުރަން 19،000 އާއިލާއެއްގެ އުއްމީދު ކީއްކުރަންހޭ އަޅުގަނޑުމެން ގެއްލުންވާލަންވީ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އުތުރު ތިލަފަޅުގައި އަޅަން ޖެހޭނީ ސެންޓްރަލް ޖަލެއް ނޫން. އެ ތަނުގައި އަޅަން ޖެހޭނީ ހޯޕް އައިލެންޑެއް ނޫން،" އަލީ ހުސައިން ވިދާޅުވި އެވެ.އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މީހުން ރިހެބިލިޓޭޓް ކުރަން ޖެހޭނީ ރަށެއްގައި އެކަހެރިކޮށްގެން ނޫނެވެ. އެއީ މުޖުތަމައާ ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ