ރިތިކް އާއި ކިއާރާ އަދި ޖޫނިއަ އެންޓީއާރްގެ 'ވޯ 2'ގެ އާ ޕޯސްޓަރުތަކެއް ދައްކާލައިފި
މި އަހަރުތެރޭ ރިލީޒްކުރާ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ "ވޯ 2"ގެ އާ ޕޯސްޓަރުތައް ރިލީޒްކުރުމާ އެކު ފިލްމަށް ބެލުންތެރިން އިތުރަށް ޝައުގުވެރި ކުރުވައިފިއެވެ. އަންނަ އޮގަސްޓް މަހުގެ 14ގައި ސިނަމާތަކަށް ގެންނަން ތާވަލު ކުރެވިފައި އޮތް "ވޯ 2" އަކީ 2019 ވަނަ އަހަރު ޔަޝް ރާޖް ފިލްމްސްއިން ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކޮށް ގެނެސްދިން އެކްޝަން ތުރިލާ "ވޯ"ގެ ދެވަނަ ބައެވެ. ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ގެނެސްދިން ފިލްމު "ވޯ"ގެ ދެވަނަ ފިލްމުގެ ޑައިރެކްޓަރަކީ ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ޑިމާންޑު ބޮޑު ޑައިރެކްޓަރުންގެތެރޭ ހިމެނޭ އަޔާން މުކަރުޖީއެވެ. ފިލްމު "ވޯ 2"ގެ ޑައިރެކްޓަރު އަޔާން މުކަރުޖީ ފިލްމުގެ ލީޑް ތަރިންނާ އެކު--ފޮޓޯ/މިޑްޑޭ ފިލްމު "ވޯ 2" އަކީ މަޝްހޫރު ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރު ބޮލީވުޑަށް ތައާރަފްވާ އެކްޓަރުގެ ފުރަތަމަ ހިންދީ ފިލްމެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން 50 ދުވަހަށް ވެފައިވާއިރު އެކަން ފާހަގަކުރުމުގެ ގޮތުން ޔަޝް ރާޖް ފިލްމްސްއިން ވަނީ މި ފިލްމުގެ ލީޑް ރޯލްއިން ފެންނަ ތިން ތަރިންގެ އާ ފޮޓޯތަކެއް ފެންނަ ޕޯސްޓަރުތަކެއް އާއްމުކޮށްފައެވެ. މި ޕޯސްޓަރުތަކުގައި ރިތިކް ރޯޝަން، ޖޫނިއަ އެންޓީއާރު އަދި ބަތަލާ ކިއާރާ އަދުވާނީ ފެންނަނީ ފިލްމުގައި ވެސް މި ތިން ތަރިންގެ ފެންނާނެ ކެރެކްޓާ ދައްކުވައިދޭ ގޮތަށެވެ. މި ފިލްމަކީ ބަތަލާ ކިއާރާ އަދުވާނީ ވައިއާރްއެފްއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މިއީ އަލަތު ދަރިފުޅަށް ބަލިވެން އިން ކިއާރާ ވިހެއުމަށްފަހު އެނބުރި ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ބެލުންތެރިންނަށް ކިއާރާ ފެންނާނެ ފަހު ފިލްމެވެ. ވިހެއުމަށްފަހު ކިއާރާ ފިލްމީ މަސައްކަތްތަކަށް އެނބުރި އަންނަން ދުވަސްތަކެއް ނަގާނެއިރު މިއީ ބޮޑު ސްކްރީނުން ކިއާރާގެ ފިލްމެއް ބަލާލުމަށް ބޭނުންވާ މީހުންނަށް އެންމެ ރަނގަޅު ފުރުސަތެވެ. ފިލްމު "ވޯ 2"ގެ އާ ޕޯސްޓަރުތަކެއް ބެލުންތެރިންނަށް ދައްކާލާފައި ވާއިރު ފިލްމުގެ ޓީޒާ މިދިޔަ މަހު 20ގައި ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ