ޖުރެސިކް ވޯލްޑް ހަފުތާ ބަންދުގައި 300 މިލިއަން
ޑައިނަސޯތައް ދައްކުވައިދޭ ބޮޑު ފްރެންޗައިޒްއެއް ކަމަށްވާ ޖުރެސިކް ވޯލްޑްގެ އާ ފިލްމަށް ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބި ހަފުތާ ބަންދުގައި ލިބުނު އާމްދަނީ 300 މިލިއަން ޑޮލަރު ފަހަނަ އަޅާ ގޮސްފިއެވެ. ޖުރެސިކް ވޯލްޑްގެ އާ ފިލްމު "ޖުރެސިކް ވޯލްޑް: ރީބާތު" ޕްރިމިއާ ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. ފިލްމު ޕްރިމިއާ ކުރިއިރު އެތައް ބަޔަކު ލަފާކުރި ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ފިލްމަށް 250 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. ނަމަވެސް އެއަށްވުރެ ކުޑަ މުއްދަތެއްގައި ފިލްމު ވަނީ ލަފާކުރި މިންވަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައެވެ. https://www.youtube.com/watch?v=smavD1fopZ8 ހަފުތާ ބަންދުގެ ތެރޭގައި ޖުރެސިކް ވޯލްޑްގެ އާ ފިލްމު އެމެރިކާއިން އެކަނި 141 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދިއެވެ. އެ އަދަދާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލްމަށް ލިބިފައިވާ އާމްދަނީ މިހާރު 312 މިލިއަން ޑޮލަރަށް އަރައެވެ. އެއާއެކު މި ފިލްމު މިއޮތީ ބޮޑު ރެކޯޑެއް ވެސް ހޯދާފައެވެ. މިއީ މި އަހަރުގެ މިހާތަނަށް އެޅުވި ހަތަރުވަނަ އަށް އެންމެ ބޮޑު އޯޕެނިންނެވެ. ސްކާލެޓް ޖޮހޭންސަނާއި ޖޮނަތަން ބެއިލީ ލީޑުން ފެންނަ އާ ޖުރެސިކް ވޯލްޑް ފިލްމުން ފެނިގެންދާނީ އެންމެ ފަހުގެ ފްރެންޗައިޒްގެ ހާދިސާތަކަށް ފަހު ޑައިނަސޯތައް ބޭރަށް އާންމުވެ އެއާ ގުޅިގެން ކަންތައްވާ ގޮތެވެ. ޖުރެސިކް ވޯލްޑްގެ ފުރަތަމަ ފިލްމުތައް ނެރެން ފަށާފައިވަނީ 90ގެ އަހަރުތަކުގައި ޖުރެސިކް ޕާކްގެ ނަމުގައެވެ. ކާމިޔާބު ތިން ފިލްމަށްފަހު އަނެއްކާ ވެސް ފްރެންޗައިޒް އަލުން ރީބޫޓްކޮށްފައިވަނީ 2015ވަނަ އަހަރެވެ. ބްރައިސް ޑެލަސް ހަވާޑް އަދި ކްރިސް ޕްރެޓް އެކީގައި ފެނުނު މި ފްރެންޗައިޒްގެ ފުރަތަމަ ރީބޫޓް ނިންމާލާފައިވަނީ ތިން ފިލްމަށް ފަހު 2022ވަނަ އަހަރެވެ. ޖުރެސިކް ވޯލްޑް "ޑޮމިނިއަން"ގެ ނަމުގައި ފްރެންޗައިޒްގެ ރީބޫޓްގެ ތިންވަނަ ފިލްމު ނެރުނެވެ. އެއީ، އެ އަހަރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ