ކުޅުދުއްފުށި ސިޓީގައި ކުޅިވަރުގެ ދާއިރާގެ ހަތް މަޝްރޫޢުއެއް މިއަހަރުގެ ނިޔަލަށް ފަށަނީ

ކުޅުދުއްފުށި ސިޓީގައި ކުޅިވަރުގެ ދާއިރާގެ ހަތް މަޝްރޫޢުއެއް މިއަހަރު ފަށަން ނިންމާފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ވަޒީރު މައުލޫމާތުދެއްވާފައިވާކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ ފަރުހަތު މުހައްމަދު (ފަރޭ) މިއަދު ވިދާޅުވެއްޖެއެވެ.
ފަރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ދެ ދާއިރާ، މަޖިލިސް މެންބަރުން ވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ބައްދަލުކުރަށްވާފައި ކަމަށެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ ކުޅިވަރުގެ ޙާލަތާއި، އެ ސިޓީއަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް ފަރޭ ވިދާޅުވެފައެވެ.
''މި ގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް ފެށުމަށް ރޭވިފައިވާ ޕްރޮޖެޓްތައް ވަޒީރު ވިދާޅުވެދެއްވާފައިވޭ'' ފަރޭ ވިދާޅުވެފަވެއެވެ.
ކުޅުދުއްފުށީ ސިޓީގައި މިއަހަރު ފެށޭނެކަމަށް ވަޒީރު ވިދާޅުވި މަޝްރޫޢުތައް ވެސް ފަރޭގެ ޕޯސްޓްގައި ވަނީ ހަމަނުއްވާފައެވެ. މިގޮތުން ފަރޭ ލިޔުއްވާފައިވާ މަޝްރޫޢުތަކަކީ؛
1. 1500 މީހުންގެ ޖާގައިގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުން
2. ފިޓްނަސް ސެންޓަރެއް ޤާއިމްކުރުން
3. ސިންތެޓިކް ޓްރެކްގެ ޢަމަލީ މަސައްކަތް ފެށުން
4. ކޮރަލް ދަނޑުގައި ފުޓްސަލް ދަނޑެއް ޤާއިމްކުރުން
5. ޒިގްޒެގް ދަނޑުގައި ނުނިމިހުރި މަސައްކަތްތައް ނިންމުން
6. އައުޓްޑޯ ޖިމް ތަރައްޤީކުރުން
7. އިތުރު 2 އިންޑޯރ ބެޑްމިންޓަން ކޯރޓް ގާއިމު ކުރުން
މީގެ އިތުރުން މިހާރު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ހިންގަމުން ދާ ހިރަފުސް ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތާއި ބެހޭގޮތުން މަސްވަރާ ކުރެވުނު ކަމަށް ވެސް ފަރޭ ވިދާޅުވެފަވެއެވެ.
ފަރޭ ވިދާޅުވިގޮތުގައި މި މަޝްވަރާތަކުގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށީ ސިޓީގެ ކުޅިވަރުގެ ވަސީލަތްތައް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހައިން ކުޅިވަރުގެ ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ކުޅުދުއްފުށީ ސީޓީއަކީ ކުޅިވަރުގެ ދާއިރާއިން ގިނަ ކުޅިވަރުތަކަކުން ފާހަގަކޮށްލެވޭ ސިޓީއެކެވެ. އޭގެ ތެރޭގައި ފުޓްބޯޅަ، ނެޓްބޯޅަ، ހޭންޑްބޯޅަ، ބެޑްމިންޓަން ފަދަ ކުޅިވަރުތައް ހިމެނެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ