ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން ހަރުދަނާ ކުރަން މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ގައުމަށް ފުރާވަޑައިގެންފައެވެ.
ރައީސް މުއިއްޒަށް، ޝީ ޖިންޕިން އިއްޔެ ރަސްމީކޮށް މަރުހަބާ ދަންނަވާފައިވާ އިރު ރައީސް މިއަދުވަނީ ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފައެވެ.
ރައީސް މިއަދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ޗައިނާއަށް ވަޑައިގަތުމުން އެރުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޗައިނާގެ ޓިއަންޖިންގައި މިއަދު ޝީ ޖިންޕިންއާ ބައްދަލުކުރައްވައި އެކުގައި މަސައްކަތް ކުރަން ހުރި ކަންކަމާ ގުޅޭ ގޮތުންނާއި މިހާރު އެއްބާރުލުން ދެމުން އަންނަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެ-ޗައިނާގެ ޒަމާންވީ، ބަދަހި ގުޅުމަކީ ގާތް އެކުވެރިކަމާއި އެއް ގައުމުން އަނެއް ގައުމަށް އެދޭ ހެޔޮއެދުންތަކުގެ ބިނާވާ ގުޅުމެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
”އަދި ހަމަ އެ ގުޅުން ކުރިމަގުގައި ދެމެހެއްޓުމަށްމި ބައްދަލުވުމުގައި ވަނީ އަޒުމް އާކުރެވިފައި،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޗައިނާއިން 2028 ވަނަ އަހަރާ ހަމައަށް އެކުލަވައިލައިފައިވާ ޗައިނާ މޯލްޑިވްސް ކޮމްޕްރެހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕްގެ ދަށުން، ދެ ގައުމުގެ ރައްޔިތުންނަށްވެސް ފައިދާވާނެހެން ގުޅުން ބަދަހިވެގެންދާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
ރާއްޖެ-ޗައިނާ ގުޅުން އިތުރަށް ހަރުދަނާ ކުރަން މަޝްވަރާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ